ރާއްޖެގެ މުއާސަލަތީ ކުންފުނި ދިރާގުން ބޭނުން ކުރަމުންއައި ވެބްސައިޓް އާ ހިދުމަތްތަކާއެކު މިއަދު ލޯންޗްކޮށްފި އެވެ.

ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން މުހައްމަދު މިރުޝާން ވިދާޅުވީ މިއަދު ލޯންޗްކުރި ވެބްސައިޓުން ދިރާގުގެ ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތް ހޯދުމަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި އެ ވެބްސައިޓުން އިތުރު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެވެބްސައިޓަކީ ވަރަށް ޒަމަނީ ގޮތަށް ފަރުމަކުރެވިފައިވާ ވެބްސައިޓެއް ކަމަށްވެސް މިރުޝާން ވިދާޅުވި އެވެ.

އެވެބްސައިޓްގެ އެޑްރެހެކީ www.dhiraagu.com.mv އެވެ.

ވެބްސައިޓުން ލިބޭ ހިދުމަތް ތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ އޮންލައިން މާކެޓިން އެގްޒެކްޓިވް އިބްރާހިމް ސޮބާހް ވިދާޅުވީ ސައިޓުން ވަރަށް ފަސޭހަކަމާއެކު ދިރާގުން ކުރިއަށްގެންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތް ލިބޭނެ ކަމަށާއި އަދި އަމިއްލަ ބޭނުންތަކާއި ވިޔަފާރީގެ ބޭނުންތަކުގެ މައުލޫމާތް ވަކިވަކިން ލިބެން ހުންނާނެ ކަމަށެވެ. އަދި ފަސޭހަކަމާއެކު ބޭނުންވާ މައުލުމާތްތަށް ސާޗް ކޮށްލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިރާގުގެ ހިދުމަތްތަކަށް އެދުމުގެ ގޮތުން ރަޖިސްޓުރީ ކުރުވަން ޖެހޭނެ އެގޮތުން ދިރާގުގެ ކޮންމެ ކަސްޓަމަރަކަ ށްވެސް މި ސައިޓްގައިވަ ފޯމެއް ފިލްކުރެއްވުމުން ރަޖިސްޓުރީ ކުރެވޭނެ" ސޮބާހް ވިދާޅުވި އެވެ.

ވެބްސައިޓުން ދެމުވެރިކޮށް މިމަހުގެ 30 ފެށިގެން ދިރާގުގެ ކޮންމެ ހިދުމަތެއްގެ ބިލް އޮންލައިންކޮށް ވަގުތުން ދައްކާލެވެ އެވެ. އަދި ބިލްތަކުގެ ހިސްޓުރީ ބަލާލުމުގެ އިތުރުން އެމީހެއްގެ ނަމުގައި ދިރާގުން ބޭނުންކުރާ ހިދުމަތްތަކުގެ މައުލޫމާތް ސާފުކުރުވޭނެ އިންތިޒާމް ވެސް ސައިޓުން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ސއިޓް މެދުވެރިކޮށް ދިރާގުގެ ހިދުމަތްތަކަށް އެދޭ ފްމް ވެސް ލިބެން ހުރެ އެވެ.