28 Aug 2012, 20:58
ސަލްޓަން ޕާކުގައި ބޮމުގެ ހަމަލާ ދޭން ރޭވުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާގޭ، މުހައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމަށްޓައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މާލެ އައުމުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ޕާކިސްތާނު ޖަމާއާތަކާއި ގުޅިގެން ސަލްޓަންޕާކުގައި ޓެރަރިސްޓް ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރިއިރު ޕާކިސްތާނު ޖަމާއަތަކާއި ގުޅިގެން ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭކަމުގެ އޯޑިއޯ އެއް އެގޭގެ ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަލްޓަންޕާކްގައި ބޮން ގޮއްވުމުގެ ހާދިސާ ހިނގުމުން އެ މައްސަލައިގެ ތަހުގީގަށް އޭނާ ހޯދައި ނުފެނުނުމުން އިންޓަޕޯލު މެދުވެރިކޮށް އޭނާ ހޯދަން ރެޑްނޯޓިސް ނެރެފައި ވަނިކޮށް ވަގު ޕާސްޕޯޓެއްގައި ލަންކާއަށް ގޮސް އުޅެނިކޮށް ލަންކާ ފުލުހުން ވެސް އޭނާ ހައްޔަރުކޮށްފައި ވެއެވެ. އެވަގުތު އޭނާ ހައްޔަރުކުރި އިރު ޕާކިސްތާނުގެ ޕާސްޕޯޓަކާއި ދިވެހި ޕާސްޕޯޓެއް އޭނާގެ އަތުގައި އޮތެވެ.
މީގެއިތުރުން އެ މައްސަލައިގައި ނުފެނިގެން ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ލ. ގަން ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމް 29، މި މަހުގެ ފަސްވަނަ ދުވަހު ޕާކިސްތާނުން ރާއްޖެ އައިވަގުތު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ.
ދެހާސްހަތެއް ސެޕްޓެމްބަރުގައި ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ޒަހަމްވި އެވެ.
އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ. އެ އެންމެން ހޯދުމަށް ވަނީ އިންޓަޕޯލުން ރެޑްނޯޓިސް ނެރެފަ އެވެ.
ސަލްޓަން ޕާކްގައި ބޮންގޮއްވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށް ލާފައިވާ ތިން މީހުންގެ ތެރެއިން ގއ. ކަނޑުހުޅުދޫ ސާދުނާ މަންޒިލް އަހުމަދު ނަސީރާއި ވ. ލަންދޫގެއާގޭ މުހައްމަދު ސޮބާހުގެ ހުކުމުގެ ބާކީބައި ތިން އަހަރަށް ފަސްކޮށް ޖުލައި 25، 2010 ގައި އެ ދެ މީހުން ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފަ އެވެ.
އެ ދެ މީހުން ދޫކޮށްލި އިރު، އެ ހަމާލާ ދިނުމުގައި އިސްކޮށް އުޅުނު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒު އަދިވެސް ހުރީ ޖަލުގަ އެވެ. އޭނާ ވަނީ އެތަކެއް ފަހަރު ޖަލުން ފިލައި އަދި ފިލަން މަސައްކަތް ކޮށްފަ އެވެ. ފިލުމުގެ ކުށުގައި އޭނައަށް ވަނީ އިތުރު އަދަބުތައް ވެސް ދީފަ އެވެ.