31 Aug 2010, 19:41
00:40
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށް، ޝަރުއީ ކޯޓުތަކުގެ ބިލަށް އިސްލާހު ހުށަހެޅި މައްސަލައިގައި އިދިކޮޅު ޑީއާރުޕީ އިއްތިހާދާ އެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް މުހައްމަދު ނަޝީދަށާއި ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް އަންގާފައިވާނެ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު ރީކޯ މޫސާ މަނިކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި ކުރިއަށްދިޔަ ކޯޓުތަކުގެ ގާނޫނުގެ ބިލަކީ، އެމްޑީޕީ އާއި ޑީއާރުޕީ އިއްތިހާދާއި، އަމިއްލަ މެންބަރުންނާއެކު މަޝްވަރާކޮށްގެން އެއްބަސްވެގެން ކޮމިޓީ މަރުހަލާގައި އެކުލަވާލައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި ބިލަށް އިސްލާހް ހުށަނާޅާނެ ކަމަށް ބުނެ، ކުއްލިއަކަށް ޑީއާރުޕީން ބިލަށް ރޭ އިސްލާހް ހުށަހަޅައި، އެ އިސްލާހްތަކަށް ވޯޓަށް އައްސަވަން ފެއްޓެވުމުން، ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށް އަޑުއުފުލަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ރޭގެ ޖަލްސާ ނިންމަވާލެއްވީ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ އެމްޑީޕީ ބޭނުންވަނީ ކޮމިޓީން ނިންމާފައިވާ ގޮތަށް ބިލު ފާސްކުރަން ކަމަށެވެ. އަދި އެކަމަށްޓަކައި ކުރެވެން އޮތްހައި މަސައްކަތެއް ކުރައްވާނެ ކަމަށާއި، ހަމައެކަނި އެބިލަށް ބަދަލު ގެންނާނީ ކޯޓުތަކުގެ މެންބަރުން ބޭނުންވާނަމަ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި މި ބިލަކީ ސަރުކާރު ހިންގުމަށް ބޭނުންވާ ބިލެއް ނޫން ކަމަށާއި، މިއީ އަދުލު އިންސާފު ގާއިމުކުރަން ބޭނުންވާ ބިލެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. މޫސަ އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު އިއްތިހާދުގެ މެޖޯރިޓީ އޮތަސް ސަރުކާރަށް، ނުވަތަ ދައުލަތާ ނުކުޅެވޭނެ ކަމަށެވެ. އަދި މަޖިލީހުން ބިލެއް ފާސްކުރުމަށް ކޮންމެހެން ޑީއާރުޕީއާ ވާހަކަ ދައްކަން ނުޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ހުއްޓި ޑެޑްލޮކަކަށް ދާން ނުޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި ބުނެފައިވާ މުހިއްމު އެއްކަމެއް ކަމުގައިވާ ކޯޓުތައް އުފެއްދުމުގެ މަސައްކަތް ނިންމާލެވޭތޯ، ޑީއާރުޕީ އާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.
އަދި ދެ ފަރާތުގެ މައިގަނޑު އެއްބަސްވުމެއްގެ ގޮތުގައި އޮތީ، ފުލޯގައި ބިލަށް އިސްލާހުތައް ލައިފިނަމަ މުޅި ބިލުގެ އަސާސްތައް ގެއްލި ޖުޑިޝަރީއެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ހަލާކު ވެދާނެތީ އެކަން ނުކުރުން ކަމަށާއި، ނަމަވެސް ޑީއާރުޕީން ބިލަށް އިސްލާހް ހުށަހެޅީ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރޭގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓައިލި މައްސަލައާ ބެހޭ ގޮތުން، ޑީއާރުޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒު ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވީ، ކޮމިޓީ މަރުހަލާގައި ދެފަރާތަށް އެއްބަސް ނުވެވުނު ކަންތަކަށް ޑީއާރުޕީން އިސްލާހު ހުށަހަޅާފައިވާތީ އާއި އެ އިސްލާހްތަކަށް ވޯޓަށް އައްސަވަން ފެއްޓެވުމުން ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރީ ވޯޓަށް އެހުން ކުރިއަށްގެންދިޔަ ނުދިނުމަށް ކަމަށް ވެސް މި ބިލަށް އެންމެގިނަ އިސްލާހް ހުށަހެޅުއްވި، މުޖުތާޒު ވިދާޅުވި އެވެ.