މާލޭ ކުނކޮށީގައި ކުނި ނައްތާލުމަށް ބޭނުންކުރާ ބައެއް ސާމާނު ހަލާކުވެ، ކުނިގޮޑު ފުރުމުގެ ސަބަބުން އެ ސަރަހައްދަށް ކުނީގެ ވަސް ވަރަށް ބޮޑަށް ފެތުރި އާންމުން ޝަކުވާ ކުރަން ފަަށައިފި އެވެ.

ބޮޑުތަކުރުފާނު މަގަށް ހުންނަ މާލޭގެ މައި ކުނިކޮށި ފުރުނީ އިއްޔެ ހަތަރެއް ޖަހާކަށް ހާއިރު ކުނިކޮށީގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރަށް މައްސަލަޖެހި ކުނިތައް ކަމާލުނުކުރެވިގެންނެވެ. ރޭ 9:00 ޖެހިއިރު ކުނިކޮށީގެ ދެކޮޅަށް ހުރި ގޭޓްކައިރިން ބޮޑުތަކުރުފާނު މަގަށް ކުނިތައް ބޭރުވެ ކުނިކޮއްޓާއި ދިމާލު ގޯޅިތައް ވެސް ވަނީ ކުނިތަކުން ބަންދުވެފަ އެވެ.

ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ދެތިން ދުވަހު ކުނިނައްތާނުލެވި ވުމުގެ ސަބަބުން ކުނިކޮށީގައި ތިން ދުވަހުގެ ކުނި ރެއާ ހަމައަށް ޖަމާވެފައިވާ ކަމަށާއި މިހާރުވެސް ދެ ދުވަހެއްގެ ކުނި ތިލަފުއްޓަށް ނުގެންދެވި ހުރި ކަމަށެވެ. އަދި ވިދާޅުވީ ގިނަ ކުނިތަކެއް ޖަމާވެފައި ހުރުމުން ކުނިކޮށި ހުންނަ ސަރަހައްދަށް ކުނީގެ ވަސް ވަރަށް ބޮޑަށް ފެތުރި އެ ހިސާބު ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް މިއަދު ލިބިފައިވާ ކަމަށެވެ.

"އެ މައްސަލަ ޖެހުނީމާ ރެއިން ރެޔަށް ބައެއް އެއްޗިހި ކުއްޔަށް ވެސް ހިފައިގެން، ވަގުތުން ކުނި ގެންދިޔައިން ތިލަފުއްޓަށް. ނަމަވެސް އަދިވެސް އުޅޭނެ ދެ ދުވަހެއްގެ ކުނި އެތާ ނައްތާނުލެވި، އޭގެ ސަބަބުން ވަރަށް ބޮޑަށް ކުނީގެ ވަސް ހިފައި އެ އުނދަގޫވެގެން އެބަހުރި އާންމުންގެ ވަރަށް ގިނަ ސަކުވާއައިސްފައި،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުމަތީގައި ކުނީގެ އަސަރު މިހާރު ނުހުންނާނެ ކަމަށާއި މަގުމައްޗަށް އެޅިފައި ހުރި ކުނިތައް ރޭ ދަންވަރު 3:00 ޖަހާކަން ހާއިރު ސާފުކޮށް، އެތަން ޑިޓޯލް އަޅައިގެން ސާފުކޮށްފައިވާ ކަމަށެވެ. ވަސްދުވަމުން އަންނަނީ ކުނިގޮޑުގައި ގިނަ ދުވަހު ކުނިތައް ބަހައްޓަން ޖެހުމުން ކުނިތައް އިތުރަށް ހަލާކުވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން ހައްލުވާން ދެ ދުވަހެއް ވަރު ނަގާނެ، އެއީ ގިނަ ދުވަސްވެފައި ހުރި ކުނި މުޅީން ހުސްކޮށްލަން ދެ ދުވަހެއް ވަރުނަގާނެ،" ރުކުމާ ވިދާޅުވި އެވެ.

ކުނިކޮށި ހިމެނޭ ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ، ވިލާ ކޮލެޖާއި އަދި ބައެއް ކެފޭ ރެސްޓޯރަންޓްތަކާއި މީހުން ހިތްހަމަ ޖައްސާލަން ދާ ގާޑިއާތައް ހުންނަ ސަރަހައްދެކެވެ. އެ ތަންތަނުން ހިދުމަތް ހޯދަން ދިޔަމީހުން ވަނީ އެކަމާއި ހިތްހަމަ ނުޖެހި ޝަކުވާ ކޮށްފަ އެވެ. އަދި އެ ސަރަހައްދާއި ކައިރީގައި ހުރި ގައުމީ ޔުނިވާސިޓީގެ ބައެއް އިމާރާތްތަކަށް ވެސް ވަނީ ނުބައި ވަހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

ރުކުމާ ވިދާޅުވީ ރޭ ދިމާވި ފަދަ ހާދިސާއެއް އަދިވެސް ދިމާވުމަކީ ގާތްކަމެއް ކަމަށާއި އެ ކައުންސިލަށް އެކަށީގެންވާ ވަރަށް ފައިސާ ނުލިބޭ ނަމަ އެފަދަ ހާދިސާއެއް އަދިވެސް މެދުވެރިވެދާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މީގައި އޮތީ ދެ ހައްލެއް އެއީ ފިނޭންސުން ދެއްވަން ޖެހޭ ފައިސާ ދެއްވުން، އަނެއްގޮތަކީ ޓަޓްވާޔާ އެކު ކުނީގެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުން، ފިނޭންސުން ފައިސާ ދެއްވައިފި ނަމަ މިހާރު ވެސް އެއްޗިހި މަރާމާތުކޮށްލެވުނީމައި ބެކަޕްވެސް އޮންނާނެ. އެހެންނޫނީ ރައްޔިތުން ތިބެންޖެހޭނީ މިކަހަލަ ކަމަކަށް އަބަދުވެސް ރެޑީގައި،" ރުކުމާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ހިސާބުތައް ދައްކާގޮތުން މާލެއިން ދުވާލެއްގެ މައްޗަށް 50-40 ލޮރީގެ ކުނި ގެންދެ އެވެ. އަދި މާލޭގެ އެއްނަމްބަރު ކުނިކޮއްޓަށް ދުވާލެއްގެ މައްޗަށް 100-80 ޕިކަޕު އަދި 100 ސައިކަލް އަދި 13 ގާޑިޔަލުގެ ކުނި އުކާލަ އެވެ. އަދި ދެ ނަމްބަރު ކުނިކޮށްޓަށް ދުވާލަކު 500 ޕިކަޕާއި 600 ސައިކަލާއި އަދި 800 ބައިސްކަލާއި 30 ގާޑިޔަލާއި 30 ވީލްބަރޯގެ އިތުރުން ފައިމަގުގައި ވެސް 350 އެއްހާ ކުނި ކޮތަޅު އުކާނެ ކަމަށް ސިޓީ ކައުންސިލުން ލަފާކުރެ އެވެ. އެހެން ކަމުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މާލެއިން 750 ޓަނުގެ ކުނި އުކާލަ އެވެ.

މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ އެކި ފަހަރުމަތިން ކުރިމަތިވެ މިދިޔަ އަހަރުގެ ތެރޭގައި ތިލަފުއްޓަށް އުކާލާ ކުނި މޫދަށް އެޅި މާލޭ ސަރަހައްދުގެ މޫދު ތަޣައްޔަރުވި އެވެ.