ސިފައިންގެ ތެރެއިން ވަކި ބަޔަކަށް ހުޅުމާލެ އިން 50 ފްލެޓް ދިނުމަށް ޑިފެންސް މިނިސްޓްރީން ހަމަޖައްސާފައި ވާތީ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި ބޮންޑާއާ ހަވާލާދީ ބުނެފައި ވަނީ ކޮރަޕްޝަންގެ އަމަލަކީ ހަމައެކަނި ފައިސާ އިން ވައްކަން ކުރުން ނޫން ކަމަށާއި އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ތިމާގެ ބާރާއި ނުޒޫފުގެ ބޭނުން ކުރުމަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަަށެވެ. އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންދާ އިރު އޭސީސީން ގާނޫނު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން ނުގެންދާކަން އޭނާ ފާހަގަކުރައްވައިވެ އެވެ.

ހުޅުމާލެ އިން ސިފައިންނަށް 50 ފްލެޓް ދޫކުރުމަށް ހަމަޖައްސައިފައިވާ އިރު މިހާރު ވެސް ސިފައިންނަށް އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ހަމަޖައްސައިފައިވާ ކަމަށާއި އެގޮތަށް އަމަލުކުރުމުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތަކެއް ރައްޔިތުންގެ އަތުން ނިގުޅައިގަނެވިގެންދާ ކަމަށް ބޮންޑާ ވިދާޅުވެފައިވެ އެވެ.

ސިފައިންނަށް ފްލެޓްތަކެއް ދިނުމަށް ނިންމާފައިވާ އިރު މާދަމާ ފުލުހުންނާއި ކަސްޓަމްސާއި އެހެނިހެން ވެސް މިނިވަން މުއައްސަސާތަކަށް ދޭން ޖެހޭ ފްލެޓްތައް މަދުނުވާނެ ކަމަށާއި އެފަދަ ކަންތަކަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ ހައްގުތައްކަށް އަރަގަތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އޭސީސީގެ އިތުރުން އެޗްއާރުސީއެމަށް ބޮންޑާ ހުށަހަޅުއްވާފައިވާ މައްސަލައިގައި ވެސް އެދިފައި ވަނީ އެ ފްލެޓްތައް ރައްޔިތުންނަށް ލިބިދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ.

ހުޅުމާލެއިން ސިފައިންނަށް 50 ފެލްޓް ދޫކުރުމަށް ސަރުކާރުން ހަމަަޖައްސައިފައިވާކަން އިޢުލާން ކުރެއްވީ މިމަހުގެ ކުރީ ކޮޅު ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ސިފައިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގަ އެވެ. ހުޅުމާލެ އިން ސިފައިންނަށް ދޫކުރުމަށް ހަމަޖައްސާފައިވާ 50 ފްލެޓް ދޫކުރުމާ ބެހޭ ކަންތައްތައް ކުރުމަށް މިހާރު ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.