28 Aug 2012, 17:59
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މިހާރުގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ފޯނަށް ފޮނުވާފައި ހުރި ކަމަށް ބުނާ މެސެޖްތަކެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައިގައި އެ ޓީވީ ސްޓޭޝަނުން މައާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ މެސެޖްތައް ހިމެނޭ ކޮންޓެންޓް ރާއްޖެ ޓީވީން ބްރޯޑްކާސްޓްކޮށްފައި ވަނީ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާ އާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް"އާ ހިލާފަށް ކަމަށެވެ.
އެކޮމިޝަނުން އެމައްސަލަ ބެލުމަށް ފަހު މިއަދު ނިންމާފައި ވަނީ އެމައްސަލައިގައި ރާއްޖެ ޓީވީން މައާފަށް އެދުމަށް ފަހު ބަޔާނެއް ނެރެ، އެއްވެސް ޝަރުތެއް ނެތި މިރެއިން ފެށިގެން ތިން ރޭ ވަންދެއް ކޮންމެ ރެއަކު 8:00 އިން ފެށިގެން 10:00 އާ ދެމެދު ތިން ފަހަރު އެބަޔާން ރާއްޖެޓީވީން އާއްމުކުރުމަށެވެ.
ނާޒިމަށް ފޮނުވާފައިވާ އެސްއެމްއެސްތަކެއް ކަމަށް ބުނެ އެމްޑީޕީ އިން ލީކް ކޮށްލި އެސްއެމްއެސްތަކުގައި ހުރި ގިނަ އެސްއެމްއެސްތަކަކީ އޭނާ ޔަށް މަރުހަބާ ކިޔާފައިވާ މެސެޖްތަކެކެވެ. އަދި ބައެއް މެސެޖްތަކުގައި ނާޒިމާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ހުރި އިރު ޑިފެންސް މިނިސްޓްރީގެ ބައެއް ކަންތައްތައް ހަމަޖެއްސުމަށް އޭނާއާ ކޮށްފައި ހުރި މުއާމަލާތްތައް ވެސް އެ އެސްއެމްއެސްތަކުގައި ހުރި ކަމަށް އެމްޑީޕީ އިން ބުންޏެވެ.