ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މިދިޔަ ރޯދަމަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ އިދާރާގެ ސައިކަލެއްގައި ހުޅުޖަހައި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ށ. ބިލެއްފަހި ގުލްއަލާގޭ ހުސެއިން އިނާޒް 25، އާއި މއ. އީޒީރެސްޓް އަހުމަދު އަޔާޒް 41، ގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަޖީދީމަގު ލެކިއުޓް ކައިރީގައި ބަހައްޓާފައި ހުރި ފުލުހުން ޕެޓްރޯލް ކުރުމަށް ޓަކައި ބޭނުންކުރާ ސައިކަލެއް ވައްޓާލައި އޭގައި ހުޅުޖެހުމަށް ފަހު ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގި ކަމުގެ ތުހުމަތު ކަމަށެވެ.

ފުލުހުން ބުނީ އިނާޒު ހައްޔަރު ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށާއި އަދި އަޔާޒު ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ޕެޓްރޯލް ކުރުމަށް ބޭނުންކުރާ އެސައިކަލްގައި ހުޅުޖެހުމުން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.