ވޭތުވެ ދިޔަ ހަ މަސްދުވަހު ތެރޭގައި މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ގއ. ގދ އަތޮޅުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކުރީ މިއަދު ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުން އެންމެ ގިނައިން މުއާމާލާތުކުރަން ޖެހޭ މައްސަލަ ތަކަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި އެގޮތުން މިއަހަރުގެ ވޭތުވެދިޔަ ހަ މަސްދުވަސްތެރޭގައި މަސްތުވާތަކެތީގެ 423 މައްސަލަ ހުށައެޅިފައިވާއިރު އެންމެ ގިނައިން މައްސަލަ ހުށއެޅިފައިވަނީ ގއ. ގދ އިން ކަމަށެވެ.

"މިއަހަރުގެ ހަމަސް ދުވަސްތެރޭގައި މަސްތުވާތަކެތީގެ 423 މައްސަލަ ހުށައެޅިފައިވޭ މިއީ ވޭތުވެ ދިޔަ 2011 ވަނައަހަރަށް ވުރެ ދެގުނަ އިތުރު އަދަދެއް. އެހަރު ހުށައެޅިފައިވަނީ 236 މައްސަލަ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އަތޮޅުތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އަޕަ ސައުތު ޕޮލިސް ޑިވިޝަން ހިމެނޭ ސަރަހައްދު އެސަރަހައްދުގައި ހިމެނެނީ ގއ. އަތޮޅާއި ގދ. އަތޮޅު،" ފަރުހާދު ވިދާޅުވި އެވެ.

ފަރުހާދު ވިދާޅުވީ ދެން އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަ ހުށައެޅިފައިވަނީ ނޯތު ޕޮލިސް ޑިވިޝަނުން ކަމަށާއި އެސަރަހައްދުގައި ހިމެނޭ އަތޮޅުތަކަކީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އިތުރުވީ ނަމަވެސް އަތޮޅު ތެރޭގައި ހިންގާ މާރާމާރީއައި ކުށްކުރުން މަދުކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު މިހާތަނަށް ހުށައެޅިފައިވަނީ މާރާމާރީގެ 62 މައްސަލއެއް ކަމަށެވެ.

"މަސްތުވަތަކެތީގެ މައްސަލަ އިތުރުވީ ނަމަވެސް އަތޮޅުތެރޭގައި ހިނގާ ނުރައްކަތެރި މާރާމާރީގެ މައްސަލަތައް މިއަހަރު ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި މަދުވެފައި ވާކަން ފާހަގަކުރަން އެގޮތުން ވޭތުވެ ދިޔަ އަހަރު 76 މައްސަލައެއް ހުށައެޅިފައިވާއިރު މިއަހަރު މިހާތަނަށް ހުށައެޅިފައިވަނީ 62 މައްސަލަ،" ފަރުހާދު ވިދާޅުވިއެވެ.

މީގެ އިތުރަށް ކުޑަކުދިންނާއި އެކު ބަދު އަހުލަގީ އަމަލު ހިންގުމުގެ މައްސަލަ މިއަހަރު މަދުކަމަށާއި އެގޮތުން މިހާތަނަށް91 މައްސަލަ ހުށއެޅިފައިވާއިރު ވޭތުވެދިޔައަހަރު 198 މައްސަލަ ހުށއެޅިފައިވާކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގެ ގޮތުން އެކި އެކި ތަމްރީނު ޕްރޮގްރާމް ތައް ހިންގަމުން އަންނަ ކަމަށާއި އެގޮތުން ކުރިއަށް އޮތްތާގައިވެސް އަތޮޅުތަކުގެ ފުލުހުންގެ ހިދުމަތުގެ ފެންވަރުރަނގަޅުކުރުމަށް އެކި އެކިކޯސްތައް ހިންގުމަށް ހަމަޖެހިފައި ވާކަމަށެވެ.