28 Aug 2012, 14:43
ހުޅުމާލޭ ފްލެޓަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފްލެޓަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ މިމަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ 34 ނަންބަރު ފްލެޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން އޭނާ ދިރިއުޅޭ ގެ މިމަހު 13 ވަނަ ދުވަހު ބަލައި ފާސް ކުރިއިރު އެގޭގެ ތެރެއިން 34 ނަންބަރު ފްލެޓުން ވަގަށް ނެގި ވެކިއުމް ކްލީނާ އެއް ފެނިފައިވާ ކަމަށެވެ. އަދި އެގޭތެރެއިން ވެކިއުމް ކުލީނާ ފެނުމުން ވަގުތުން އޭނާ ހައްޔަރު ކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 34 އަހަރުގެ މީހާއާ އެކު އެ ވައްކަމުގައި ބައިވެރިވެފައިވާނެ ކަމަށް 22 އަހަރުގެ މީހާ ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފައިވާތީ މިމަހު 16 ވަނަ ދުވަހު އޭނާ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭ 34 ނަންބަރު ފްލެޓުން ވަގަށް ނެގިތަކެތީގެ ތެރޭގައި ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރިއަކާއި 21 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއަކާއި ސީޕީޔޫ އަކާއި އެނޯވާ ބްރޭންޑްގެ އަވަނަކާއި އެއާރޓެލް ޑީކޯޑަރާއި ހިޓާޗީ މިކްސަރަކާއި ހިޓާޗީ ޓޯސްޓަރަކާއި ޕިލިޕްސް ބްރޭންޑްގެ ވެކިއުމް ކްލީނަރެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 33 އަހަރުގެ މީހާއަކީ ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސައިޓަކުން މިމަހުގެ ހަތް ވަނަ ދުވަހު ޖެކްތަކެއް ވަގަށް ނެގިކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ހޯދަމުން ގެންދިޔަ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑު އޮތް ދެ މީހުން ކަމަށާއި އެ މައްސަލަ މިހާރު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ ވެކިއުމް ކްލީނާ އެކަނި ކަމަށާއި ދެން ތިބި ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.