28 Aug 2012, 13:22
ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.
ދައުލަތުން އިސްތިއުނާފު ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކުރި ގ. ދާސްތާން، ހުސެއިން އަލީމް އާއި މއ. ސީނަރީވިޔު އާތިފު ރަޝީދު ގެ މައްސަލަ އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ 14 ޖޫން އިން ފެށިގެން 17 އޯގަސްޓްގެ ނިޔަލަށް އެ ދެ މީހުން ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އަދި އެގޮތަށް ފުލުހުންގެ ހައްޔަރުގައި ބައިިތިއްބާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ވަކީލާ ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކަނޑައަޅައި އެ ދެ މީހުން ގިނަ ދުވަސްތަކެެއް ވަންދެން ފުލުހުންގެ ހައްޔަރުގައި ބައިތިއްބުމަށް އަމުރު ކުރަމުން ދިޔުމަށް ފަހު، އެންމެ ފަހުން އެ ދެ މީހުން ގޭބަންދަށް ބަދަލު ކުރި އަމުރުގައި ވެސް ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އެ ދެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ ކަމަށެވެ.
ވަކީލާ ވިދާޅުވީ އެ ދެ މީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ މެއި 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ޓީވީ ބަލަން ހަދާފައި ހުރި ތަނެއްގައި އަރުހަމް އޮއްވާ ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި އޭނާ މަރާލި ކަމުގެ ތުހުމަތު ކަމަށެވެ. އެފަދަ ނުރައްކާތެރި ތުހުމަތެއް އެ ދެ މީހުންގެ މައްޗަށް ކުރެވިފައިވާއިރު އެ ދެ މީހުން ތިބެންޖެހޭނީ މުޖުތަމައާއި އެކަހެރިކޮށް ކަމަށާއި ގޭބަންދުގައި ތިބުމަކީ މުޖުތަމައުއާއި އެކަހެރިކޮށްފައި ހުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.
ގޭބަންދުގައި ތިބޭއިރު އިތުރު މީހުންނާއި ބައްދަލުކޮށް މުއާމަލާތް ކޮށް ހެެއްކަށް ނުފޫޒު ފޮރުވުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އެ ދެ މީހުންނަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ވަކިވަކިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަލީމް މިއަދު ބުނީ އޭނާގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެންކަމުން އޭނާ ހެއްކަށް ނުފޫޒު ފޯރުވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަލީމް އަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ހުރި މީހަކަށްވާތީ އޭނާ ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން ވަނީ އޭނާ ކުރިން ތަންފީޒުކުރަމުން ދިޔަ މާރާމާރީ ހިންގުމުގެ ކުށް ތަންފީޒު ކުރުމަށް ޑީޕީއާރްއެސް އާއި އޭނާ ހަވާލުކޮށްފަ އެވެ.
އަލީމް ބުނީ އޭނާ ޖަލުގައި ހުންނަތާ ގިނަ ދުވަސްތަކެއްވާތީ މާލެއިން ބޭރަށް ނުދެވޭ ގޮތަށް ގޭބަންދަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި ބުނީ ހެކީންނަށް ނުފޫޒު ފޯރުވާކަމަށް ވާނަމަ ޖަލުގައި ހުންނަ އިރު ވަގަށް ފޯނު ވައްދައިގެން ވެސް ހެކީންނަށް ނުފޫޒު ފޯރުވެވިދާނެ ކަމަށެވެ.
އާތިފު ބުނީ އޭނާގެ މައްޗަށް އެކަށީގެންވާ ހެއްކެއް ނެތްކަމަށާއި އެހެންކަމުން ފުލުހުންގެ ހައްޔަރަށް އޭނާ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުން މިއަދުގެ ޝަރީއަތުގެ މަޖީލީސް ނިންމަވާލެއްވީ އެ މައްސަލައިގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ ޝަރީއަތް ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.
އަލީމާއި އާތިފްގެ އިތުރުން އަރުހަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއިި ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި މއ. ކަބާލިފަރު އަލީ މިފްރާހު އަހުމަދު އެވެ.
މި މީހުންގެ ތެރެއިން އާތިފާއި ވިސާމަކީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގެ ތުހުމަތުގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ހޯދަން ފުލުހުން އިއުލާންކޮށްފައި ވަނިކޮށް ފަޅުރަށެއްގައި އިތުރު ބަޔަކާއި އެކު އޭނާ ފޮރުވައިގެން އުޅުނުކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ދެ މީހުންނެވެ.
އެ މީހުންގެ ތެރެއިން ސުފިޔާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަނޑިއަކުން ޖަހައި މއ. ބްލޫރޯޒް ވިލާގޭގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލަ ޝަރީއަތަށް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.
މަންސޫރުގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިރު އެ މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށް އޭނާގެ މޯބައިލް ފޯން ފުލުހުން ޗެކްކުރި އިރު އޮރިޔާން ފޮޓޯތަކެއް ފެނިފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާތީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 1000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ފުލުހުން ބުނީ އަރުހަމް މަރާލާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ހިޔާލުތަފާތުވުމަކާއި ގުޅިގެން ކަމަށެވެ.