31 Aug 2010, 19:24
00:30
އަށާރަ ދަރަޖައަކަށް ގިންތިކޮށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އެކުލަވާލައިފި އެވެ.
މި އޮނިގަނޑުގައި، ހިމެނޭ އަށާރަ ދަރަޖައިގެ ތެރެއިން އެންމެ މަތީ ދަރަޖައިގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ހިމެނޭއިރު އެންމެ ދަށު ދަރަޖައިގައި ހިމެނެނީ ކައުންސިލްތަކުގެ މެންބަރުންނެވެ.
މި އޮނިގަނޑުގައި، ބައެއް މަގާމުތަކުގެ މުސާރަ އަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ ތެރޭގައި، ހަ ވަނަ ދަރަޖައިގައި އޮޑިޓަރ ޖެނެރަލްގެ މަގާމު ހިމަނައި، އެ މަގާމަށް މިހާރު ކަނޑައަޅާފައިވާ އެއްލައްކަ ރުފިޔާގެ މުސާރަ، ސާޅީސް ދެހާސް ފައްސަތޭކައަށް ހަމަޖައްސައި ފަނަރަހާސް ރުފިޔާގެ ލިވިން އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ. ހަ ވަނަ ދަރަޖައިގައި، އޮޑިޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ދެން ހިމެނެނީ، ވަޒީރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ޕްރޮސިކިއުޓަރ ޖެނެރަލާއި، ޓެކްސޭޝަން ކޮމިޝަނަރާއި އެމްއެމްއޭގެ ގަވަރުނަރެވެ.
ލެވެލް ދޭއްގައި ނާއިބު ރައީސްގެ މަގާމު ހިމެނޭއިރު ލެވެލް ތިނެއްގައި، ހިމެނޭ، އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައިގެ ގޮތުގައި ފަންސާސް ތިންހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ އެވެ. އެ ބޭފުޅުންނަށް ލިވިން އެލަވަންސްގެ ގޮތުގައި، ވިހިހާސް ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ލެވެލް ހަތަރެއްގައި، މަޖިލީހުގެ ނާއިބާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ހިމަނައި، އެ މަގާމުތަކުގެ މުސާރަ ފަންސާސް އެއްހާސް، ލިވިން އެލަވަންސަށް ވިހިހާސް ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ލެވެލް ފަހެއްގައި މަޖިލީހުގެ މެންބަރުން ހިމަނައި، އެ މަގާމުގެ މުސާރަ ސާޅީސް ދެހާސް ފައްސަތޭކަ ހިމަނައި ލިވިން އެލަވަންސަށް ފަނަރަ ހާސް ވަނީ ކަނޑައަޅައިފަ އެވެ. މި އޮނިގަނޑުގެ ހަތް ވަނަ ދަރަޖައިގައި ހިމެނެނީ، ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމެވެ. އެ މަގާމުގެ މުސާރައަކީ ތިރީސް އަށްހާސް ރުފިޔާ ކަމަށާއި، ލިވިން އެލަވަންސަކީ ފަނަރަހާސް ރުފިޔާ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މި އޮނިގަނޑުގައި މާލެ އާއި އަތޮޅުތަކުގެ ކޯޓުތަކުގައި މަސައްކަތްކުރާ ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ވާކަން މި އޮނިގަނޑަށް ވާހަކަ ދެއްކެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ރޭ ފާހަގަކުރައްވައިފަ އެވެ. އެގޮތުން މާލޭ ކޯޓުތަކުގެ ގާޒީންނަކީ އޮނިގަނޑުގެ ނުވަ ވަނަ ލެވެލް ކަމުގައި ހިމެނޭ މަގާމުތައް ކަމަށް ހިމަނައި، އެ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ތިރީސްހާސް ރުފިޔާ، ލިވިން އެލެވަންސްގެ ގޮތުގައި، ފަނަރަހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، ރަށު ކޯތުތަކުގެ މެޖިސްޓްރޭޓުން ފަނަރަ ވަނަ ލެވެލްގައި ހިމަނައި، އެމީހުންގެ މުސާރަ އަކީ، ސޯޅަ ހާސް ރުފިޔާ ކަމަށާއި، ލިވިން އެލަވަންސަކީ ހަތަރު ހާސްރުފިޔާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވީ، މާލޭގައި މަސައްކަތްކުރާ ގާޒީންނާއި ރަށްރަށުގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންނާ ދެމެދު ވިހިހާސް ރުފިޔާގެ ތަފާތެއް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއް މަސައްކަތެއް ކުރާ ބައެއްގެ މެދުގައި އެފަދަ ތަފާތެއް އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ދިރިއުޅުމުގެ ހަރަދު ބޮޑުކަން ގަބޫލު ކުރައްވާ ކަމަށާއި، އެހެން އެލަވަންސްތައް ތަފާތުވި ނަމަވެސް އެފަރާތްތަކުގެ މުސާރަ އެއްވަރުވާން ޖެހޭނެ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ. އޮނިގަނޑުގެ އެންމެ ފުލުގައި، ކައުންސިލްތަކަށް އިންތިހާބުވާނެ އެކި މަގާމުތައް ހިމެނޭއިރު، ލެވެލް ބާރައިގައި ހިމެނޭ، ސިޓީ ކައުންސިލްގެ ނާއިބު ރައީސް (ޑިޕިއުޓީ މޭޔަރު)ގެ މުސާރައަށް ހަތާވީސް ހާސް ރުފިޔާ އާއި ލިވިން އެލަވަންސަށް އަށްހާސް ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ލެވެލް ތޭރައިގައި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އިސް މެޖިސްޓްރޭޓުންނާއި ސިޓީކައުންސިލް މެންބަރުން ހިމަނައި އެ މަގާމުތަކުގެ މުސާރައަކީ، ނަވާރަ ހާސް ރުފިޔާ ކަމަށާއި، ލިވިލް އެލަވަންސަކީ ހަހާސް ރުފިޔާ ކަމަށް ވަނީ ހިމަނައިފަ އެވެ. އަދި ލެވެލް ސާދައިގައިވާ އަތޮޅު ކައުންސިލްތަކުގެ ނާއިބުންގެ މުސާރައަކީ، ސަތާރަ ހާސް ރުފިޔާ އެވެ. ލިވިން އެލަވަންސް، ފަސްހާސް ރުފިޔާ، ކަނޑައަޅާފައިވާއިރު، ލެވެލް ސޯޅައިގައި، ރަށު ކައުންސިލްތަކުގެ ރައީސުންނަށް ބާރަހާސް ރުފިޔާގެ މުސާރަ އާއި ތިންހާސް ރުފިޔާގެ ލިވިން އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ރަށު ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް ނުވަހާސް ފައްސަތޭކަ ރުފިޔާގެ މުސާރައަކާއި، ދެހާސް ފައްސަތޭކަ ރުފިޔާގެ ލިވިން އެލަވަންސް ކަނޑައަޅާފައިވާއިރު، އޮނިގަނޑުގައި ހިމެނޭ އެންމެ ދަށް ލެވެލްގައި، ހިމެނޭ ރަށު ކައުންސިލްތަކުގެ މެންބަރުނަށް ނުވަހާސް ރުފިޔާގެ މުސާރައަކާއި ދެހާސް ރުފިޔާގެ އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ.
މާލިސްޔަތު ކޮޓީގެ އޮނި ގަނޑުގައި، މީޑިޔާ ކައުންސިލްގެ މެންބަރުންނަށް އެންމެ ދަށް މުސާރަ ކަނޑައެޅިފައިވާތީ ވެސް ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މީޑިޔާއަކީ ގައުމުގެ ހަތަރު ވަނަ ބާރަށް ވާއިރު، އެއްވެސް އެލަވަންސެއްނެތި، މީޑިޔާ ކައުންސިލްގެ މެންބަރުންގެ މުސާރަ ދެހާސް ފައްސަތޭކަ ރުފިޔާއަށް ހަމަޖައްސައި އެ ކައުންސިލްގެ ނައިބު ރައީސަށް ހަތަރުހާސް އަދި ރައީސަށް ފަސްހާސް ރުފިޔާގެ މުސާރައެއް ކަނޑައެޅުމަކީ، ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މީޑިޔާއާ ނުލައި މަޖިލީހުގެ މަސައްކަތްތައް ރައްޔިތުންނަށް ފޯރުވައިދީ، ގާނޫތައް ހަދައިގެން އެ ގާނޫނުތަކަށް ރައްޔިތުން ތަރުބިއްޔަތު ކޮށްދޭނީ ކިހިނެއްތޯ ވެސް އޭނާ ސުވަލު ކުރެއްވި އެވެ. އަދި މީޑިޔާތަކަށް އެތައް ނުރައްކާތަކަކާއި ފިއްތުންތަކެއް ކުރިމަތިވެފައި ވަނިކޮށް ވެސް މަޖިލީހުން ކުރާ މަސައްކަތްތައް ރެއާއި ދުވާލު ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކީ މީޑިޔާ ކަން ވެސް އަލީ ވަހީދު ފާހަގަކުރެއްވި އެވެ.