ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓް ނެރޭ ދުވަހު ޖަލުތަކުގައި ހަމަނުޖެހުން ހިންގަން ބައެއް ފަރާތްތަކުން ރާވާފައިވާ ކަމަށް ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ފަޔާޒު (އެފްއޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވި އިންޓަވިއެއްގައި ފަޔާޒު މިއަދު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހާއި ދިމާކޮށް ޖަލުތަކުގައި ހަމަނުޖެހުންތަކެއް ހިންގަން ބައެއް ސިޔާސީ ފަރާތްތަކުން ސީދާ ގައިދީންނަށް ގުޅައި ދުރާލައި ކަންތައްތަކެއް ރާވަން މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ޖަލުގައި ގިނަ ކަންތައްތަކެއް [ގިނަ ހަމަނުޖެހުންތަކެއް] އެދުވަހު ހިންގަން ރޭވިފައި ވާކަން، އެކަން ކުރުމަށް ސީދާ ޖަލުގެ ގައިދީންނާ ގުޅަމުން ގެންދަނީ، އެކަމުގެ ހެކި އެބަހުރި، ފުދޭވަރަކަށް އެބަހުރި އޭގެ މައްސަލަތައް. މެދުނުކެޑި އެކަމައި ކޮމިޔުނިކޭޓްކޮށްފައި ހުރީ،" ފަޔާޒު ވިދާޅުވި އެވެ.

ހަމަނުޖެހުންތައް ހިންގަން ގައިދީންނާ އެކި ފަރާތްތަކުން މުއާމަލާތްކުރަމުން ދަނީ އެކި ގޮތްގޮތުން ވަގަށް އެތެރެކޮށްފައިވާ ފޯނުތައް ބޭނުންކޮށްގެން ކަމަށާއި އެފަދަ މައްސަލަތައް ފާހަގަވެފައިވާ ގައިދީންގެ ތެރެއިން ބައެއް ގައިދީން މިހާރު އެކަހެރިކޮށްފައިވާ ކަމަށް ފަޔާޒު ވިދާޅުވި އެވެ. ޖަލުގެ އޮފިސަރުންގެ ތެރެއިން ގައިދީންނަށް ފޯނު ފަދަ ތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެ ދިނުމުގެ ތުހުމަތުގައި އަށް އޮފިސަރަކާ މެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ ކަންތައްތަކާ އެކު ޖަލުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން، އަޅުގަނޑުމެން ތިބޭނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން، ފުލީ [ފުރިހަމައަށް] ތައްޔާރުވެގެން، ކިރިޔާވެސް ޖަލުގެ ކަމެއް ގޯހުން ދަންޏާ އެވަގުތަކު އެކަމަކާ ގުޅޭ ގައިދީން އެކަހެރި ކުރެވޭނެ،" ފަޔާޒު ވިދާޅުވި އެވެ.

ތިރީސްވަނަ ދުވަހު ޖަލުތެރޭގައި ހިނގައިފާނެ ހަމަނުޖެހުމަކަށް ޑީޕީއާރްއެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިއަދު އިރުއޮއްސި 6:00 ޖަހާއިރުން ފެށިގެން ހާއްސަ ސެކިއުރިޓީ އޮޕަރޭޝަންތަކެއް ފަށާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ. އެ އޮޕަރޭޝަންގެ ދަށުން މުޅި ޖަލު ބަލައި ފާސްކޮށް ޝައްކުވާ ގައިދީން އެކަހެރި ކުރާނެ ކަމަށްވެސް ފަޔާޒު ވިދާޅުވި އެވެ.

"އެދުވަހު ސިފައިންގެ ފަޔާ ކެޕޭސިޓީ ވެސް އޮންނާނެ، އަދި ހަމަނުޖެހުމެއް ހިނގައިފިނަމަ ފުލުހުންގެ ބެކަޕް ވެސް އޮންނާނެ،" ފަޔާޒު ވިދާޅުވި އެވެ. ޖަލުތަކުގެ ހާލަތު މިވަގުތު އޮތީ ރަނގަޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯނީގައި ރިޕޯޓާއި ގުޅިގެން އެމްޑީޕީން މިހާރުވެސް މުޒާހަރާތައް ފަށާފައިވާއިރު ފުލުހުން ވަނީ މާލެ އާއި އަތޮޅުތަކުގައި ހިނގާފާނެ ހަމަނުޖެހުމަކަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ. ފަޔާޒު ވިދާޅުވީ ޖަލުތަކުގައި ހަމަނުޖެހުން ހިންގަން ގައިދީންނާ މުއާމަލާތް ކުރަމުންދާ ފަރާތްތައް ކަމަށް ޝައްކުރެވޭ ބައެއް މީހުންގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މީހުންގެ ފޯނު ކޯލުތައް އަޑުއަހަމުން ގެންދާނެ ކަމަށެވެ.

"އެ ދުވަހު އަޅުގަނޑުމެން އެއްވެސް ހަމަނުޖެހުމެއް ހިންގުމަކަށް ޖާގައެއް ނުދޭނަން، އެކަން އަޅުގަނޑުމެން ޓޮލަރޭޓެއް ނުކުރާނަން، އަޅުގަނޑު ތިބޭނީ ތައްޔާރަށް،" ފަޔާޒު ވިދާޅުވި އެވެ.

މާލެތެރެ ހޫނުވައި ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް މައި ޖަލު، މާފުށީ ޖަލުގައި އަބަދުވެސް ހަމަނުޖެހުން ހިންގަ އެވެ. އެގޮތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވެސް ޖަލުގެ ގައިދީން ގޮޅިތަކުން ނުކުމެ ޖަލުގައި ރޯކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި އެވެ.