28 Aug 2012, 13:15
ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހިމަނުއްވާފައިވާ އަހުމަދު ސައީދު (ގަހާ ސައީދު) އެކޮމިޝަނާ ބެހޭ ގޮތުން (މީޑިއާ އަށް) ދެއްވި ބަޔާނަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރައްވާފައިވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އިއްޔެ އާއްމުކޮށްފައިވާ ބަޔާނެެއްގައި މިނިސްޓަރު ޑރ. ސަމަދު ތުހުމަތުކުރައްވާފައި ވަނީ ގަހާ ސައީދު އެގޮތަށް ކަންތައް ކުރެއްވީ ކޯނީގެ މަސައްކަތުގެ އަގުވައްޓާލުމަށް ކަމަށެވެ. އަދި ތުހުމަތު ކުރައްވާފައި ވަނީ ރިޕޯޓް ނެރެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ސައީދު އެފަދަ ބަޔާނެއް ދެއްވީ ރިޕޯޓަށް ނުފޫޒު ފޯރުއްވުމަށާއި ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލި ކުރެއްވުމަށް ކަމަށެވެ.
"އެންޑީޕީ އާއި ސައީދުގެ މައިގަނޑު ކަންބޮޑުވުމަކީ ރިޕޯޓް އާއްމުކުރުމުން ފެބްރުއަރީ ހަތް ވަނަ ދުވަހު ކަންތައްްތައް ހިނގައި ދިޔަ ގޮތުގެ ހަގީގީ މަންޒަރު ރައްޔިތުންނަށް ފެނިގެން ދިއުން. އޭނާ މަސައްްކަތް އެކުރައް ވަނީ ރައްޔިތުންނަށް މަގުއޮޅުވާލައިގެން ނަޝީދު ހިމާޔަތް ކުރެއްވުމަށް،" ޑރ. ސަމަދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ކޮމިޝަންގެ ކޯ ޗެއާއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސިންގަޕޫރުގެ ކުރީގެ ފަނޑިޔާރު ސެލްވަމް އެކުލަވާލެއްވި ދެލިކޮޮޕީ އޮތީ ރައްޔިތުންނަށް ފެނުނު މަންޒަރާއި އިހުސާސްތައް ކޮންމެ ވެސް ވަރަކަށް ދޮގުކުރާ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެ ސައީދު މީޑިއާ އަށް ބަޔާނެއް ދެއްވީ އާދީއްތަ ދުވަހު އެވެ. ސައީދުގެ އެ ބަޔާނާ ގުޅިގެން އެމްޑީޕީން ސެލްވަމްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އިރު ކޮމިޝަންގެ ހޯދުންތަކަށް އެންމެން އިހުތިރާމް ކުރުމަށް ގޮވާލައި ކޮމަންވެލްތުން ވަނީ ބަޔާނެއް ނެރެފަ އެވެ.
ކޮމިޝަންގައި ބޭރުގެ ޖަޖެއް ހިމެނީ ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕުން އެކަމަށް ބާރު އެޅުމުން، އެގްރޫޮޕާއި ސަރުކާރާއި އެމްޑީޕީއާ ތިން ފަރާތުގެ މެދުގައި ކުރި މަޝްވަރާތަކަކަށް ފަހު އެގޮތަށް އެއްބަސްވެގެންނެވެ.