28 Aug 2012, 12:58
އަށެއް ފެބުރުއަރީގައި ހިނގައި ދިޔަ ހާދިސާ ތަކުރާރު ނުވާނެ ގޮތަކަށް އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް އެކަށީގެންވާ ތައްޔާރީ ހާލަތަށް ގެނެސް، ފުލުހުންގެ ސިކިއުރިޓީ ވަރުގަދަކޮށްފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ފުލުހުންގެ ޑިވިޝަނަލް އޮޕަރޭޝަނަލް ކޮމާންޑުގެ ހެޑް ފަރުހާދު ފިކުރީ ވިދާޅުވީ އަށެއް ފެބުރުއަރީގައި އައްޑު އަތޮޅާއި އަދި އަތޮޅުތެރޭގެ އެހެނިހެން ރަށްރަށުގައި ފުލުހުންނާއި ފުލުހުންގެ މަރުކަޒުތަކަށް ގެއްލުންދީ ހެދުމުގެ ސަބަބުން ދިމާވި ހާދިސާ ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުން މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން ޕޮލިސްސް ޓޭޝަންތައް އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
"އަށެއް ފެބުރުއަރީގައި އެ ހިނގައި ދިޔަ ހާދިސާގެ ކަންތައްތަކުގެ މައްސަލަތައް އެކި ދިމަދިމާލުން އެބަބަލާ، އަދި އޭގެ އިތުރުން ފުލުހުން އަތޮޅުތެރޭގައި މަސައްކަތް ކުރި ގޮތް ޕޮލިހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ވެސް އެބަބަލާ އެމީހުންގެ އިހުމާލެއް ވޭތޯ ނުވޭތޯ. އަޅުގަނޑު ދަންނަވާނީ މިހާރު އައްޑު އަތޮޅުގައި ވެސް ފުވައްމުލަކުގައި ވެސް އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައޭ އޮތީ،" ފަރުހާދު ފިކުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަށެއް ފެބުރުއަރީގެ ހާދިސާ އާ ގުޅިގެން ގެއްލުން ދީފައިވާ ފަސް ޕޮލިސް ސްޓޭޝަނުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތްތައް ފެށިގެން ކުރިއަށް ގެންދާ ކަމަށާއި އެގޮތުން މިހާތަނަށް މަސައްކަތް ފެށިފައިވާ ތަންތަނުގެ ތެރޭގައި ހިތަދޫ ޕޮލިސްސްޓޭޝަނާއި ލ. އިސްދޫ ޕޮލިސް ސްޓޭޝަން ހުޅުވި އެ ތަންތަނުން ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
ފަރުހާދު ވިދާޅުވީ އަށެއް ފެބުރުއަރީގެ ހާދިސާގައި ބައެއް ރަށުގެ ޕޮލިސް އިދާރާތަކުން ފުލުހުން ނެރެ ބޭރޮކޮށްލާފައިވުމުގެ ސަބަބުން ބަންދުކޮށްފައިވާ ޕޮލިސް ސްޓޭސަންތަކަކީ ގދ. ފަރެސް މާތޮޑާ ޕޮލިސް ސްޓޭޝަނާއި ގއ. ކޮލަމާފުއްޓާއި ތ. ވިލިފުއްޓާއި ބ. ތުޅާދޫއާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ކަމަށެވެ. އެފަދަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ދޭނީ އެ ރަށްރަށުގައި ފުލުހުން ނެރެ ސްޓޭޝަންތައް ބަންދުކުރަން ޖެހުނު ސަބަބު އޮޅުން ފިލުވުމަށް ފަހު ތަހުގީގުކުރެވި އިތުރަށް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް މުހިންމުކަމަށް ފާހަގަކުރެވި ރަށްރަށުގެ ކައުންސިލްތަކުން އެދުމުގެ މަތިން އިސްނަގައިގެން ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ފަހު ވޭތުވެ ދިޔަ ދެ މަސްދުވަހުގެ ތެރެގައި ތިން ޕޮލިސް ސްޓޭޝަނެއް ރައްޔިތުންގެ އެހީތެރިކަމާ އެކު ގާއިމް ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އިތުރު ހަތަރު ޕޮލިސް ސްޓޭޝަނެއް ހުޅުވާނެ ކަމަށެވެ.
ނަމަވެސް އެއީ ކޮން ސްޓޭޝަންތަކެއް ފިކުރީ ވިދާޅެއް ނުވެ އެވެ.