ބައިބަލާ ފައިނަލް މެޗުގެ ޝަރަފުވެރިކޮށް ދެއްވައި ފައިނަލް މެޗް ބައްލަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނަވަނިކޮށް އެމަނިކުފާނާ ދިމާއަށް "ބާޣީ" އޭ ގޮވި ދެމީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހައްޔަރުކުރީ 23 އަހަރާއި 28 އަހަރުގެ ދެ ޒުވާނުން ކަމަށާއި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ "ދޮންމަނިކު ސްކައި ވިއު" ރެސްޓޯރެންޓްގައި ތިބެގެން، ރައީސަށް ފުރައްސާރަކޮށް، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އެއްޗެހި ގޮވުމުން ކަމަށެވެ.

ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކީ ބައިބަލާ ކުޅުނު ޓީމެއްގައި ހިމެނޭ މީހެއް ކަމަށް ވެއެވެ.

ބައިބަލާގެ ފައިނަލް މެޗް ޝަރަފުވެރިކޮށް ދެއްވައި މެޗް ބައްލަވައިލައްވަން ރައީސް ވަހީދު އިންނެވި އިރު އެސަރަހައްދުގައި ތިބި އާއްމުންގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ނިސްބަތްކޮށް ބާޣީއޭ ގޮވާލުމުގެ އިތުރުން އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް ގޮވާފަ އެވެ.

ބައިބަލާގެ ފައިނަލް މެޗު ކުރިއަށް ދަނިކޮށް ޔޫތް މިނިސްޓަރުގެ ނައިބު ނާއިފު ޝައުކަތާއި އެސަރަހައްދު ތިބި ބައެއްގެ މެދުގައި ވެސް ހަމަނުޖެހުމެއް ހިނގި އެވެ. ނަމަވެސް ފުލުހުން ވަނީ އެ ހަމަނުޖެހުން ހުއްޓުވާފަ އެވެ.