ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކާއި ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތައް ކަމަށް އެމްޑީޕީ އިން ތުހުމަތުކުރާ ފޮޓޯތައް ދައްކުވައިދޭ މައުރަޒެއް ރޭ ހުޅުވައިފި އެވެ.

ރެއިން ފެށިގެން މާދަމާގެ ނިޔަލަށް "އެގްޒެބިޝަން އޮފް ޕަބްލިކް އިންކުއަރީ" (ޒޯޕީ)ގެ ނަމުގައި މާލޭ ސިޓީ ކައުންސިލް ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ މައުރަޒު ރޭ ހުޅުވައި ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީން ބުނީ އެ މައުރަޒަކީ ފެބުރުއަރީ 6، 7 އަދި 8 ވަނަ ދުވަހާއި އޭގެ ފަހުން ރާއްޖޭގައި ހިނގައި ދިޔަ އެންމެހާ ކަންތައްތައް އެއްތާކުން ރައްޔިތުންނާ ހަމައަށް އަންގައި ދިނުމަށް ހުޅުވި މައުރަޒެއް ކަމަށެވެ. އަދި އެ މައުރަޒުން ފެބްރުއަރީ 6، 7 އަދި 8 އާއި އޭގެ ފަހުން ރާއްޖޭގައި ހިނގައި ދިޔަ އެންމެހާ ކަންތަކާއި ރައީސް ނަޝީދު އިސްތިޢުފާދެއްވަން "މަޖުބޫރުކުރުވި" ސަބަބުތައް ފޮޓޯ އާއި ވީޑިއޯގެ އިތުރުން ލިޔުމުންނާއި ލައިވް ޕާފޯމަންސުން ފެންނަން ހުންނާނެ ކަމަށެވެ.

އެ މައުރަޒު އޮންނާނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހު 2:00 ފެށިގެން ރޭގަނޑު 9:30 އަށް ކަމަށް ވެސް އެމްޑީޕީން ބުންނެވެ.

އެމްޑީޕީން މައުރަޒެއް ހުޅުވާފައިވާ އިރު އަދާލަތު ޕާޓީން ވެސް ވަނީ ހަތެއް ފެބްރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ދައްކުވައިދޭ ކުރެހުމުގެ މައުރަޒެއް އިއްޔެ ނޭޝަނަލް އާޓް ގެލެރީގައި ހުޅުވައިފަ އެވެ.