ސ. ހިތަދޫ ނާޒުކީގޭ ހުސައިން ސޮލާހު މަރުވެފައި އޮއްވާ މާލޭ ފަޅުތެރެއިން ފެނުމުގެ ކުރިން އޭނާ ފުލުހުންގެ ހައްޔަރުގައި ހުރި އިރު އޭނާގެ ގައިގައި ޖެހި ކަމަށް ބުނެ ދައުލަތުން ފުލުހެއްގެ މައްޗަށް ކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

އޭޕްރީލް 12، 2007 ވަނަ ދުވަހުގެ ރޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުސެއިން ސޮލާހު މާލޭ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި އެވަގުތު ޖަލު ބެލެހެއްޓުމުގައި އިސްކޮށް ހުރި ފުލުހެއްކަމަށް ވާ ހދ. ވައިކަރަދޫ ޕެރިމްރޯޒް އަހުމަދު ޝާހު އޭނާގެ ގައިގައި ޖެހިކަމުގެ ތުހުމަތުގައި ދައުލަތުން ކުރި މާރާ މާރީ ހިންގި ކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ކުރުމަށް ތިން މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

އެ ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ހުސެއިން ސޮލާހުގެ ގައިގައި ޝާހު ޖެތިތަން ދުށް ކަމަށް ހެކިބަސް ދީފައެވެ.

ކުރީގެ ޖިނާއީ ކޯޓުން އެ މައްސަލައިގައި ކުރި ހުކުމްގައި ބުނަނީ ޝާހު އޭނާގެ ގައިގައި ޖެހިތަން ދުށްކަމަށް ބުނެ އެ މައްސަލައިގައި ހެކިބަސް ދީފައިވާ ދެ މީހުންނަކީ ޖަލުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ކަމަށްވާތީ، ހައްޔަރުކޮށްފަ ތިބޭ މީހުންގެ ހިތުގައި ޖަލު ބަލަހައްޓަން ތިބޭ މީހުންނާއި ދޭތެރޭ ހިތްހަމަ ނުޖެހުމެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޖަލުގައި ތިބި ދެ ކުށްވެރިންގެ ހެކިބަސް ފިޔަވައި އިތުރު ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާތީ އެ ދައުވާ ޝާހުގެ މައްޗަށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ ދައުލަތުން ހުށަހެޅި ތިން ހެކީންގެ ތެރެއިން އެކަކު ހެކިބަސް ދިން އިރު އޭނާގެ ހެކިބަސް ޝާހާއި އިދިކޮޅަށް ލިބިފައި ނުވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ މީހާގެ ހެކިބަހަށް ބަލާއިރު ހުސެއިން ސޮލާހުގެ ގައިގައި ޝާހު ޖެހިތަން ދުށްކަމަށް ތަހުގީގަށް ބަޔާން ދީފައި ވަނީ ޝާހަކީ ޖަލުބަލަހައްޓަން އެވަގުތު އިސްކޮށް ހުރި މީހާކަމަށް ވެފައި އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށް އެނގޭކަމަށެވެ. އަދި އެމީހާ އެގޮތަށް ހެކިބަސް ދީފައިވާއިރު އެ މީހާއަކީ ވެސް ޖަލުގައި ހައްޔަރުކޮށްފައި ހުރި މީހަކަށްވާތީ ޝާހާއި ދެކޮޅަށް ހެކިބަސް ދިން ދެ މީހުންގެ ހެކިބަހުގެ މައްޗަށް ރިއާޔަތް ނުކޮށް އެ މައްސަލަ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.