28 Aug 2012, 12:35
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސީރިއާ އަތުން 2-1 ލަނޑުން ރާއްޖެ މޮޅުވި މޮޅުވުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު އިތުރު ކުރިއެރުންތަކެއް ކަމަށް ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ބުނެފި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ފަހަރަށް ފަސްކޮށް ރޭ 7:45ގައި ފެށި މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން އަދި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާާމާއެކު 1500 ޑޮލަރު ހޯދި އަލީ އަޝްފާގް (ދަގަނޑޭ)އެވެ. ރާއްޖެ މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބަދަލުކުޅުންތެރިޔާ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ސީރިއާ އަތުން ރާއްޖެ މޮޅުވި މެޗަށްފަހު ނިއު ދިއްލީގައި ހުރެ ރޭ ސަންއޮންލައިނާ ފޯނުން ވާހަކަ ދައްކަމުން އާމިރު ބުނީ، ރާއްޖެ ކޮޅަށް މީގެ ކުރިން އެތަކެއް ލަނޑުތަކެއް ޖަހާފައިވާ ޤައުމެއްގެ އަތުން މޮޅުވުމުން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި ސީރިއާއާ ދެކޮޅަށް ނިކުތީ ވެސް ކުރީގެ ހަނދާން ތަކުން ދުރުވެ، މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށް ވެސް އާމިރު ބުންޏެވެ.
"ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް އުފަލުން. ސީރިއާ ބަލިކުރުމަކީ އަހަރުމެންގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް. މިލިބުނު ކާމިޔާބީ އަހަރުމެން ދަމަހައްޓަން ބޭނުން." އާމިރު ބުންޏެވެ.
އާމިރު ބުނީ، މިއަދުގެ މެޗަށް ނިކުތް އިރު މޫސުން ގޯސް ވުމުގެ ސަބަބުން މެޗް ފެށުން ލަސްވި ކަމުގައި ވިޔަސް، މެޗްގެ ފުރަތަމަ ހާފުގައި ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ޓީމަށް ދެ ވަނަ ހާފުގައި މޮޅުވުމުގެ ހިތް ވަރު ލިބިގެން ދިޔަ ކަމަށެވެ. އަދި ވިއްސާރަވެހި ދަނޑު ތެރޭގައި ފެންކޯރު ހުރު މުގެ ސަބަބުން ތަފާތު ގިނަ އުދަގޫ ތަކާ ކުޅުންތެރިންނަށް ކުރިމަތި ލާން ޖެހުނު ކަމުގައި ވިޔަސް، މެޗް ނިމެންދެން ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ހިތް ވަރުގަދަ މޮޅު ކުޅުމެއް ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
ސީރިއާ އަތުން ރާއްޖެ ރޭ މޮޅުވިއިރު، މީގެ ކުރީން ރާއްޖެ ސީރިއާ އާ ދެކޮޅަށް ކުޅުނު އެއް ވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެގޮތުން ސީރިއާއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައި ގައި 1998 ވަނަ އަހަރު ރާއްޖެ ކުޅުނު ދެމެޗުން ވެސް ބަލިވެފައި ވަނީ 12-0 ލަނޑުންނެވެ. އަދި 2000 ވަނަ އަހަރުގެ އޭސިއަން ކޮލިފިކޭޝަންގައި ސިރިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 6-0 ލަނޑުން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ރާއްޖެ ބަލިވީ 2-1 ލަނޑުންނެވެ.
ރޭ ރާއްޖެ އަތުން 2-1 ލަނޑުން ސީރިއާ ބަލިވެފައި ވާއިރު، މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވަނީ އިންޑިއާ އަތުން 2-1 ލަނޑުން ނެވެ. އަދި މުބާރާތުގައި އެޓީމް ކުޅުނު ދެ ވަނަ މެޗް ނިމުނީ ކެމަރޫނާ ދެކޮޅަށް ކުޅެ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.
މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް 2-1 ލަނޑުން ނޭޕާލް އަތުންމޮޅުވިއިރު، ދެ ވަނަ މެޗުން ރާއްޖެ ބަލިވީ މުބާރާތް ބާއްވާ އިންޑިއާ އާއިދެކޮޅަށް ކުޅެ 3-0 ލަނޑުންނެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާމިމުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.
ރޭގެ މެޗުން މޮޅުވުމުން ރާއްޖެ އަށް ހަ ޕޮއިންޓް ވަނީ ލިބިފައިވެ އެވެ. އިންޑިޔާ އަށް މިހާރު ހަ ޕޮއިންޓް އަދި ކެމަރޫނަށް ހަތަރު ޕޮއިންޓް ސީރިއާ އަށް އެއްޕޮއިންޓް ނޭޕާލަށް ޕޮއިންޓެއް ލިބިފައި ނެތުމުން ކެމަރޫން މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ ފައިނަލަށްދާނެ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ އަދި މިމުބާރާތުގެ ފައިނަލް މެޗްއޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަމުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުންއިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.