ޗެލްސީއިން ހޯދަން މަސައްކަތް ކުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މީގެ ކުރިން އަމިއްލައަށް ރެއާލްއަށް ބަދަލުވާން މަސައްކަތް ކުރި މޮޑްރިޗް އެކުލަބަށް ބަދަލުވެފައި ވަނީ 35 މިލިއަން ޕައުންޑަށެވެ.

އުމުރުން 26 އަހަރުގެ މޮޑްރިޗް އިއްޔެ ރެއާލްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރުމަށްފަހު ބައެއް އިނގިރޭސި މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، އޭނާ ރެއާލްއަށް ބަދަލުވީ އަމިއްލަ އިސް ނެގުމަކާއެކު ކަމަށާއި ރެއާލްގައި ހުރެގެން ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ފުރިހަމަ އިތުބާރާއެކު ކަމަށެވެ.

"ރެއާލްއަށް ބަދަލުވީ އަމިއްލަ އިސް ނެގުމާއެކު. އެކުލަބަށް އަހަރެން އަބަދުވެސް ޝައުގުވެރިވޭ. އެއީ މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން ތިބި ޓީމެއް" މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް ޓޮޓެންހަމްއާއި ގުޅިފައި ވަނީ މީގެ ހަތަރު އަހަރު ކުރިން 16.5 މިލިއަން ޕައުންޑަށެވެ. އަދި އޭނާ ވަނީ ޓޮޓެންހަމް އަށް 150 މެޗު ކުޅެ 17 ގޯލް ކާމިޔާބު ކޮށްދީފަ އެވެ.