ތޫފާން ކެތުރީނާއަކީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ގެއްލުން ބޮޑު އެއް ތޫފާން ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. ދެ ހާސް ފަސް ވަނަ އަހަރު އެރި އެތޫފާނުގެ ސަބަބުން 2000 މީހުން މަރުވެ، އެތައް ހާސް ގެއެއް ހަލާކުވެ، މިލިޔަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރުގެއްލުނެވެ.

އެމެރިކާގެ ލޫސިއާނާ ސްޓޭޓްގެ މުހިއްމު ރަށެއް ކަމަށްވާ ނިއުއޯލީންސް މުޅީންހެން ފަޅުވެ ދިޔަ އެ ހާދިސާ އަށް ހަތް އަހަރު ފުރޭ ދުވަހު، ބާރު ގަދަ އެހެން ތޫފާނެއް ކަމަށްވާ ތޫފާން އިސާކް އެ ރަށާ ހަމައަށް ވާސިލުވާނެ ކަމަށް އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ލަފާކޮށްފަ އެވެ.

ކެޓަގަރީ ދޭއްގެ ތޫފާން އިސާކް އުތުރު އެެމެރިކާ ބައްރުގެ އެހެން ބައެއް ގައުމުތަކަށް އަރައި ބޮޑެތި ގެއްލުންތައް ލިބިފައިވާ އިރު ތޫފާނާ ގުޅިގެން އެމެރިކާގެ ހަތަރު ސްޓޭޓެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އެގޮތުން ލޫޒިއާނާ އާއި އަލްބާމާއާއި ފްލޮރިޑާ އަދި މިސިސީޕީގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.

ތޫފާން އެރި ގައުމުތައް ކަމަށްވާ ހެއިޓީއާއި ޑޮމިނިކަން ރިޕަބްލިކް އަދި ކިއުބާގައި ފެންބޮޑުވެފައިވާ އިރު، އެކަމުގެ ސަބަބުން ހެއިޓީގައި ވަނީ 24 މީހުން މަރުވެފަ އެވެ.

ތޫފާން ކެތުރީނާއަށް ފަހު އަލުން އާބާދުވިތާ އަދި ދެއަހަރުވެސް ނުވާ ނިއުއޯލީންސްގެ ރައްޔިތުން މިހާރު ވަނީ އެރަށް ދޫކޮށް ދާން ފަށާފައި ކަމަށާއި އެ ރަށް އޮންނަ ލޫސިއާނާގެ ބިން ތިިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ދިއުމަށް ގަވާނާ ބޮބީ ޖިންދާލް ގޮވާލައްވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުންޏެވެ.

ތޫފާން އިސާކް މާދަމާ ނުވަތަ އަނެއް ދުވަހު ނިއުއޯލީންސްއާ ހަމައަށް ފޯރާނެ ކަމަަށް ލަފާ ކުރެވޭތީ ގިނަ ބަޔަކު ރައްދޫކޮށް ގޮސްފައިވާ އިރު ރަށުގައި ތިބި މީހުން ވަނީ ކާބޯތަކެއްޗާއި ބޯފެން އަދި ގޭސް ފަދަ ތަކެތި ގިނަ އަދަދަކަށް ގަނެފަ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުން ފަދަ މަސައްކަތްތައް އާއްމުންނާސި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.