ފޯސީޒަން ރިސޯޓުގައި މާދަމާ ފަށާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" ގައި ވާދަކުރާ ބޭރުގެ ފަސް ރާޅާ އެޅުންތެރިން ރޭ މާލެ އައިސްފި އެވެ.

މި މުބާރާތުގައި ވާދަކުރަން ރޭ މާލެ އާ ފަސް ރާޅާއެޅުންތެރިންނަކީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ރާޅާ އެޅުންތެރިންނެވެ. އެގޮތުން އެ ފަސް ރާޅާއެޅުންތެރިންނަކީ 1999 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ މާކް އާއި ތިން ފަހަރެއްގެ މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓޮމް ކުރީންނާއި 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މާޓިން ޕޮޓާ އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން އަދި ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއެވެ.

ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އަޅާ ފޮއިންޓްގައި ކުރިއަށް ގެންދިއުމަށް ހަޖެހިފައިވާ އެ އިވެންޓާ ބެހޭ ގޮތުން އެ ރިސޯޓުގެ ސޭލް އެންޑް މާކެޓިން ކޯޑިނޭޓާ ފޮލެރެންސިޔާ، ވޭޑް ސަން އޮންލައިނަށް ދިން އިންޓަވިއުގައި މިއަދު ވިދާޅުވީ، މި އިވެންޓަކީ މިދިޔަ އަހަރު އެ ރިސޯޓުގައި އަލަށް ތާރަފް ކުރި އިވެންޓެއް ކަމަށާއި އެގޮތުން މިއަހަރު ވެސް މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރީ އަހަރެކޭ ވެސް އެއްގޮތަށް އިންޓަނޭޝަނަލް ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ކަމަށެވެ. އަދި ބޭރު މީހުންގެ އިތުރުން ދިވެހި ރާޅާ އެޅުންތެރިން ބައިވެރި ވެފައިވާއިރު، ދިވެހި ރާޅާ އެޅުންތެރިން ވާދަކުރާނީ މިއަހަރު އަލަށް ތާރަފް ކުރި އިވެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދިވެހި އަށް ރާޅާއެޅުންތެރިން ވަނީ ބައިވެރި ވެފައެވެ.

ފޮލެރެންސިޔާ، ވޭޑް ވިދާޅުވީ، މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާއިރު، އެއްވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށް ވެސް ފޮލެރެންސިޔާ، ވޭޑް ވިދާޅުވި އެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި މަޝްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރި އެވެ.