ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅައި ގެޒެޓް  ކުރުން ގުޅިފައި ވަނީ އިންތިހާބުގެ ކަންކަމުގައި އިދިކޮޅު ޑީއާރްޕީއާ އެކު ކުރެވޭ މަޝްވަރާތަކުގެ މައްޗަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.


ޕްރެސް ސެކެއްޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ލިސްޓާއި މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެންމެ ބޮޑު އިދކޮޅު ޕާޓީން އެކަމުގައި ފިކުރުތަކެއް ގެންގުޅޭތީ އެކަން ފައިނަލް ކުރުން ބިނާވަނީ ޑީއާރްޕީ އާކު ކުރެވޭ މަޝަވަރާތަކުން ނުކުންނަ ނަޖީއެއްގެ މައްޗަށް ކަމަށެވެ.


"އެބޭފުޅުން ވާހަކަތައް މިކަމުގައި އަޑު އަހަންޖެހޭ،" ޒުހައިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކުރިން ބައެއް ރަށްރަށް ގުޅުވާލުމުގައި ގެންގުޅޭ ހިޔާލަށް ޑީއާރްޕީގެ ވިސްނުން ވެސް ބަލައި އެކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.


އޭނާ ވިދާޅުވީ ރަށްރަށް ގުޅުވާލުމުގެ ފިކުރުގެ ތެރެއިން އިންތިހާބާ އެދެމެދަށް ކުދި އިންތިހާބުތަކެއް އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި ހަމައެއާ އެކު ޕާޓީތަކުގެ ދާއިރާތަކުގެ އިންތިހާބު ވެސް ފެންމަތިވެފައިވާ ކަމަށެވެ.


"އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އެބައާދޭ، ޑީއާރްޕީގެ ދާއިރާތަކުގެ އިންތިހާބު އެބައާދޭ، ހަމަ އެހެންމެ ޑީއާރްޕީގެ ވިސްނުން އެބަ އޮތް ރަށްރަށް ގުޅުވާލުމުގެ މައްސަލާގައި އެފަދަ ރަށްރަށުގައި ވަކި ވޯޓެއް ނަގަން އެކަމަށް ގޮތެއް ކަނޑައެޅުމަށް،" ޒުހައިރު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މި ކަންކަން ހައްލުވެގެން އިންތިހާބު ބޭއްވުމަށް އަދިވެސް މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.


ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު މިރޭ ވިދާޅުވީ ޑީއާރްޕީގެ ވިސްނުމަކީ ކޮބައިތޯ ބައްލަވަނީ ކަމަށް ވިދާޅުވެ، ސަރުކާރުން ދައްކަވާ ވާހަކަފުޅަކީ އިންތިހާބު ލަސްކުރުމަށް ދައްކާވާ ވާކަފުޅުތަކެއް ކަމަށާއި ޑީއާރްޕީގެ ވިސްނުމަކީ ވީހާވެސް އަވަހަށް އެ އިންތިހާބު ބޭއްވުން ކަމަށެވެ.


"ދެން އެ ވިދާޅުވަނީ ރަށްތައް ގުޅައިލުމުގައި އެފަދަ ރަށްރަށުން ދެކޭ ގޮތް ބަލަން ވޯޓެއް ނަގާ ވާހަކަ. އެކަން ކުރައްވާނަމަ އެކަން ކުރަންވީ ވަގުތު މާ ބޮޑަށް ލަސްވެއްޖެ، އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވަން،" ޝަރީފު ވިދާޅުވި އެވެ.