މިއަހަރުގެ ފިތުރު އީދާ ގުޅުވައިގެން ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ކުލަބް ހޯދައި ފިއެވެ.

ބީޖީ ޗެމްޕިއަންކަން ހޯދީ ޓީސީއާ ވާދަކޮށް ދެ ގޭމު ވެސް ކާމިޔާބު ކޮށްގެންނެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ރޭ ކުރިއަށް ދިޔަ ބައިބަލާ މުބާރާތުގެ ފައިނަލް މެޗް ބައްލަވައިލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަޑައިގެންނެވި އެވެ. ރައީސް ވަނީ މުބާރާތަށް ރައީސް ދެއްވާ ވާދައިގެ ތައްޓެއް ވެސް ރޭ ހުށަހަޅުއްވާ ތަށި ވެސް ދެއްވާފަ އެވެ.

ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗް ރައީސް ބައްލަވާލެއްވުމަށްފަހު، އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ވާދައިގެ ތަށްޓާއި، ބައިބަލާ އެސޯސިއޭޝަނުން ދެއްވާ މިލްކުވާ ތަށްޓާއި، އެ އެސޯސިއޭޝަނުން ދެއްވާ ފައިސާގެ އިނާމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީޖީ ސްޕޯޓްސްއަށް ދެއްވީ ވެސް ރައީސް ވަހީދެވެ. އެގޮތުން ފައިސާގެ އިނާމެއްގެ ގޮތުގައި ބީޖީއަށް 50000ރ. ލިބުނެވެ.

މުބާރާތުގެ ރަނަރއަޕް ޓީސީ ސްޕޯޓްސްއަށް ބައިބަލާ އެސޯސިއޭޝަނުން ހުށަހެޅުއްވި އިނާމު، އެ ޓީމަށް ދެއްވީ މިނިސްޓާ އޮފް ޔޫތު، ހިއުމަން ރިސޯސަސް އެންޑް ސްޕޯޓްސް މުޙަންމަދު ހުސައިން ޝަރީފެވެ. ރަނަރަޕް ޓީމަށް ލިބުނީ 25000ރ،. އެވެ.

ފެއާ ޕްލޭ ޓީމަށް ހޮވުނު ކްލަބް ޒެފްރޯލަށް އިނާމު ދެއްވީ މިނިސްޓަރު އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ އަހުމަދު އަދީބެވެ.

މުބާރާތުގެ މިސްޓަ ބައިބަލާއަށް ހޮވުނީ ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ޢަބްދުﷲ ނިޝާނެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ޓީސީ ސްޕޯޓްސްގެ ޢަލީ ނަޢީމެވެ.

މިއަހަރުގެ ބައިބަލާ މުބާރަތުގައި ޖުމްލަ 47 ޓީމް ވާދަކުރި އެވެ.