ރީޖަނަލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ކުނިނައްތާލުމަށް ބޭނުންވާ އިކްއިޕްމެންޓް ގަތުމަށް އެއް މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ބިޒް ފޯ މޯލްޑިވްސް އާ ދެމެދު ސޮއިކޮށްފި އެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި އެ ކޮންޓުރެކްޓުގައި އެ މިނިސްޓުރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓުރީގެ ސުޓޭޓް މިނިސްޓަރު އަބުދުލްމަތީން މުހައްމަދެވެ. އަދި ބިޒް ފޯ މޯލްޑިވްސް ޕުރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނާޝިދު އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ކޮންޓްރެކްޓުގެ މުއްދަތަކީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން ދެ މަސް ދުވަސް ކަމަށެވެ. އަދި ބުނީ އެއީ ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކުރުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބެންކް(އޭޑީބީ)ގެ އެހީގައި ހިންގާ އެންވަޔަރަންމަންޓަލް އިންފްރާސްޓްރަކްޝާ އެންޑް މެނޭޖުމެންޓް ޕުރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓުގެ މަގުސަދަކީ ތިމާވެއްޓާ ގުޅޭ އެކިއެކި ކަންތައްތައް ޕުލޭންކޮށް މެނޭޖުމެންޓް ހަރުދަނާކުރުން ކަމަށެވެ.