28 Aug 2012, 10:35
ނެހުރޫ ކަޕުގައި ސީރިއާ އަތުން ރާއްޖެ 2-1 އިން އިއްޔެ ތާރީހީ މޮޅެއް ހޯދި މެޗުގައި ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ ބެންޗުން ފޮނުވާލީ ދަނޑަށް ފެންފުޅިއުކުމުން ކަަމަށް ސަރަހައްދީ މީޑިޔާތަކުން ބުނެފި އެވެ.
ކޯޗު ދަނޑަށް ފެންފުޅިއެއް އެއްލާލީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ރާއްޖޭގެ އަހުމަދު ރަޝީދު (އައްމަޑޭ) ގޯލު ޖަހައި ނަތިޖާ 2-1 އަށް ބަދަލުވީތާ ސިކުންތުކޮޅެއްގެ ތެރޭގައި މެޗު ނިމިއްޖެކަމަށް އިޝާރާތްކުރުމުން ރެފްރީއެކަމާ އަޅާނުލުމުންނެވެ. ކޯޗު ވަނީ ދެ ފަހަރަކަށް މެޗު ނިމިއްޖެކަން ރެފްރީގެ ސަމާލުކަމަށް ގެނެސް އެއްފަހަރު ދަނޑަށް ވެސް އަރައިފަ އެވެ.
މިހެންވެ އޭނާ ބެންޗުން ފޮނުވާލިއިރު މެޗަށް ފަހު ދަނޑުމަތީގައި ކުޅުންތެރިންނާއެކު އުފާފާޅުކުރަން ދާން އުޅުމުން މެޗު އޮފިޝަލުން ވަނީ ކޯޗު ހުއްޓުވައިފަ އެވެ. އެކަމާ ކޯޗު އެއްވެސް މައްސަލައެއްނުޖައްސަ އެވެ.
ނެހުރޫ ކަޕުގައި ސީރިއާގެ މައްޗަށް ރާއްޖެ އިއްޔެ ހޯދި މޮޅަކީ ސީރިއާ އަތުން ރާއްޖެ މޮޅުވި ފުރަތަމަ މެޗެވެ. މި މޮޅާއެކު އެއްލައްކަ ޑޮލަރުގެ ނެހުރޫ ކަޕުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފަ އެވެ.
މި މެޗުން މޮޅުވުމުން ރާއްޖެ އަށް ހަ ޕޮއިންޓް ލިބިފައިވެ އެވެ. އިންޑިޔާ އަށް މިހާރު ހަ ޕޮއިންޓް އަދި ކެމަރޫނަށް ހަތަރު ޕޮއިންޓް ސީރިއާ އަށް އެއްޕޮއިންޓް ނޭޕާލަށް ޕޮއިންޓެއް ލިބިފައި ނެތުމުން ކެމަރޫން މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ ފައިނަލަށްދާނެ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.