28 Aug 2012, 09:45
(ބައިރޫތު) ސޫރިޔާ ސަރުކާރުގެ ސިފައިންނާ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވެރިރަށް ބައިރޫތުގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ސަރުކާރު ސިފައިންގެ ހެލިކޮޕިޓަރެއް ވައްޓާލެވިއްޖެ ކަމަށް ހަނގުރާމަވެރިން ބުނެފި އެވެ.
ސޫރިޔާގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ހަނގުރާމަމަތީ އެ ހެލިކޮޕްޓަރު ވައްޓާލުމަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ގާބަލުކަން އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.
ހަނގުރާމަވެރިން އިއްޔެ އިންޓަނެޓްގައި އާއްމުކުރި ވީޑިއޯއަކުން ފެންނަނީ ހެލިކޮޕްޓަރުން ހުޅުފަޅައިގެން ގޮސް، ކޮންޓްރޯލް ގެއްލި، އެނބުރެމުން އެނބުރެމުން މިސްކިތެއްގެ ކައިރިއަށް ވެއްޓޭ މަންޒަރެވެ. އަދި ބަޑީގެ އަޑާއި ހަނގުރާމަވެރިން ތަކުބީރު ކިޔާ އަޑު ވީޑިއޯއިން އިވެ އެވެ. ނަމަވެސް އެވީޑިއޯ އިން ފެންނަ ހާދިސާއަކީ ހަގީގަތެއް ކަން ރަސްމީކޮށް އަދި ކަށަވަރުވެފައެއްނުވެ އެވެ.
ސޫރިޔާގެ ހަނގުރާމަ ވަރުގަދަވެފައިވާ އިރު، ފަރަންސޭސިވިލާތުން ވަނީ، މިހާރު ވެސް ވަރަށް ބޮޑަށް އެކަހެރިވެފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ޑިޕްލޮމެޓިކް ފިއްތުންތައް އިތުރުކޮށްފަ އެވެ. އެގޮތުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރެއް އުފެއްދުމަށް ފަރަންސޭސި ރައީސް ފްރެންކޮއި ހޮލަންޑޭ ވަނީ ގޮވާލައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ އެފަދަ ސަރުކާރެއް އެކުލަވާލިހާ އަވަހަކަށް ފަރަންސޭސިވިލާތުން އެސަރުކާރު ގަބޫލުކުރާނެ ކަމަށެވެ. ފަރަންސޭސި ބަޔާނަކީ ސޫރިޔާގެ ހަނގުރާމަ ފެށި ފަހުން ޔޫރަޕްގެ ގައުމަކުން ދިން މިފަދަ ފުރަތަމަ ބަޔާނެވެ.
ލުއި ހަތިޔާރުތަކެއް ހިފައިގެން ނުކުމެ، ސޫރިޔާ ސަރުކާރާ ހަނގުރާމަވެރިން، ފަހަކަށް އައިސް ވަރުގަދަވެ، އެމީހުންގެ ހަނގުރާމައިގެ އުކުޅުތައް ވަރުގަދަވެފައިވާ ކަމަށް ސޫރިޔާގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އަދި ހަނގުރާމަމަތީ ހެލިކޮޕްޓަރުތައް ވައްޓާލާފައިވާ ކަމަށް ހަނގުރާމަވެރިން ވަނީ މީގެ ކުރިން ވެސް ދައުވާކޮށްފަ އެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައިގާ މިހާތަނަށް 20000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 160،000 އަށް ވުރެ ގިނަމީހުން ވަނީ ރެފިއުޖީންނަށްވެފަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)