28 Aug 2012, 09:39
ވޮޝިންޓަން- ސޫރިޔާ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް ބެލެވޭ އެމެރިކާގެ ދެ ނޫސްވެރިން ދޫކޮށްލުމަށް އެމެރިކާގެ "ބްރޯޑްކާސްޓް ބޯޑް އޮފް ގަވާނާސް" އިން ގޮވާލައިފި އެވެ.
އެމެރިކާގެ ވާޖީނިއާގައި ހިންގާ ޓީވީ ޗެނަލެއް ކަމަށްވާ އަލް ހުއްރާގެ ނޫަސްވެރިޔާ ބައްޝާރު ފަހުމީ އާއި ކެމެރާމަން ކުނޭޓް އުނާލް ގެއްލިފައި ވަނީ ސޫރިޔާގެ އަލެއްޕޯގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލަމުން ދަނިކޮށް މިމަހުގެ 20 ވަނަ ދުވަހު އެވެ.
ބްރޯޑްކާސްޓް ބޯޑް އޮފް ގަވާނާސް އިން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނަނީ ކެމެރާމަން އުނާލް އަކީ ބައިނަލްއަގުވާމީ ހަނގުރާމަވެރި ޖަމާއަތެއްގެ މެމްބަރެއް ކަމަށް އޭނާ އަމިއްލައަށް ބުނާ ވީޑިއޯއެއް ސޫރިޔާ ސަރުކާރުގެ ޓީވީން ދައްކާފައިވާ ކަމަށެވެ. އަދި އެވީޑިއޯގައި އޭނާ ލައްވައި އެހެން ބުނުވާފައި ވަނީ މަޖުބޫރުކޮށްގެން ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
މެދުއިރުމަތީގެ ހަބަރުތައް ފަތުރާ "މިޑްލްއީސްޓް ބްރޯޑްކާސްޓިން ނެޓްވޯކް" އަދި އެމެރިކާގެ ބްރޯޑްކާސްޓް ބޯޑްގެ މެމްބަރު މިޚައިލް މީހަން ވިދާޅުވެފައި ވަނީ އެވީޑިއޯއަކީ ވަރަށް ހިތްދަތިކުރުވާ ވީޑިއޯއެއް ކަމަށެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ "އެވީޑިއޯ އިން އެފަދަ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތު ފޮރުވައިފި" ކަމަށެވެ.
ބްރޯޑްކާސްޓް ބޯޑް އޮފް ގަވާނާސް އަކީ އެމެރިކާގެ ކޮންގްރެސް އިން ހަރަދުކޮށްގެން ހިންގާ މުއައްސަސާއެކެވެ. ބައިނަލްއަގުވާމީ ހަބަރުތައް ފަތުރާ އެތައް ބްރޯޑްކާސްޓް ނެޓްވޯކްތަކެއް، އެމުއައްސަސާ އިން ހިންގަ އެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށިފަހުން، އެގައުމުގެ ސަރުކާރުން އާއްމު ރައްޔިތުންނާއި ނޫސްވެރިން އަދި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނާ ދެކޮޅަށް ގިނަ ޖަރީމާތަކެއް ހިންގަމުންދާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައިގާ މިހާތަނަށް 20000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 160،000 އަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށްވެފަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)