28 Aug 2012, 09:33
ވަޒީފާއާބެހޭ ގާނޫނާއި ގަވާއިދާއި ހިލާފަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ކަމަށް ބުނާ މައްސަލައަކާ މެދު އައިއެލްއޯ އިން ކަންބޮޑުވެ އެ މައްސަލަ ފެންމަތިކޮށްފި އެވެ.
އެ ޝަކުވާތަކާ ގުޅިގެން އިންޓަނޭޝަނަލް ލޭބާ އޮފީސް (އައިއެލްއޯ) އާއި ވޯލްޑް ފެޑަރޭޝަން އޮފް ޓްރޭޑް ޔޫނިއަން އިން ދިވެހި ސަރުކާރަށް ފޮނުވާފައިވާ ސިޓީތަކެއްގެ ކޮޕީ ވަނީ ސަން އޮންލައިންއަށް ވެސް ލިބިފަ އެވެ.
ވޯލްޑް ފެޑަރޭޝަން އޮފް ޓްރޭޑް ޔޫނިއަންއަންގެ ސެކްރެޓަރީ ޖެނެރަލް، ޖޯޖް މަވްރިކޮސް ޖުލައި 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެމްޕީއެލްގައި މަސައްކަތްކުރާ ހަ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ތިން މަސްތެރޭގައި 49 މުވައްޒިފަކު ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި 27 މުވައްޒިފަކަށް އަނގަ ބަހުން އިންޒާރުދީފައިވާ ކަމަށާއި ބައެއް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ސެކްޝަން ފިޔަވައި އެހެން ސެކްޝަންތަކަށް ކުއްލި ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމްޕީއެލްގެ މުވައްޒަފުންގެ ޔޫނިއަން، މޯލްޑިވްސް ޕޯޓްސް ވޯކާޒް ޔޫނިއަންގެ އިސްފަރާތްތަކަށް ވެސް އެކި ގޮތްގޮތުން އެމްޕީއެލްގެ މެނޭޖްމަންޓުން ބިރުދައްކާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
"އެމްޕީއެލްގެ މުވައްޒަފުންނާއި މެދު މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަގުތުން އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި މޯލްޑިވްސް ޕޯޓްސް ވޯކާޒް ޔޫނިއަންގެ އިސް ފަރާތްތަކަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމަށް ވެސް ގޮވާލަމެވެ،" ސިޓީގައިވެ އެވެ.
އައިއެލްއޯ އިން ސަރުކާރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މޯލްޑިވްސް ޕޯޓްސް ވޯކާޒް ޔޫނިއަންގެ ރައީސް، އިބްރާހިމް ހަލީލާއި ހިންގާ ކޮމެޓީގެ މެންބަރު ޔަޒީދު އަބްދުލް ހަމީދު ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އިތުރު ހަ މުވައްޒަފަކު ވެސް ވަޒީފާ އިން ވަކިކޮށް އަދި 49 މެންބަރަކު ސަސްޕެންޑްކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އައިއެލްއޯ އިން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ދިވެހި ސަރުކާރުގައި އެދިފަ އެވެ.
"އެ މުވައްޒަފުން އުފުލާފައިވާ ޝަކުވާތައް އެންމެ އަވަހަކަށް ބަލައި މި ކޮމިޝަނަށް އެކަން އެނގުމަށް ދިވެހި ސަރުކާރުގައި އެދެމެވެ،" އެ ޖަމްއިއްޔާގެ ޑައިރެކްޓަރު ސޮއިކުރައްވާ ސަރުކާރަށް ފޮނުވާފައިވާ ސިޓީގައިވެ އެވެ.
މިހާރު ވަޒީފާ އިން ވަކިކޮށްފައިވާ ޕޯޓްސް ވޯކާޒް ޔޫނިއަންގެ ރައީސް އަދި އެމްޕީއެލްގެ އެސިސްޓެންޓް މެރިން އިންޖިނިއާ ހަލީލު މިއަދު ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވޯކާޒް ޔޫނިއަންގެ ފަރާތުން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއަކާ ގުޅިގެން ކަމަށް އޭނާ އަށް އެމްޕީއެލް އިން ފޮނުވި ވަޒީފާ އިން ވަކިކުރި ޗިޓުގައިވާ ކަމަށެވެ. އޭނާ އެ އިންޓަވިއުގައި ގޮވާލާފައި ވާނީ އެމްޕީއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި ވަޒީފާޔާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިނުކުރުމަށް ކަމަށެވެ.
"އަޅުގަނޑު ހުރިހާ މީޑިޔާއަކަށް ވެސް ދިޔައިން، ނަމަވެސް ރާއްޖެ ޓީވީން ފުރުސަތު ދިނީ, އަނެއްކާ އަޅުގަނޑު މީހެއްގެ އަބުރަށް އަދި އެމްޕީއެލްގެ މެނޭޖްމަންޓަށް ބަދު ބަހެއް ރައްދުކޮށެއް ނަހަދަން، އަޅުގަނޑު ވާހަކަ ދެއްކީ ވޯކާޒް ޔޫނިއަންގެ ރައީސްގެ ހައިސިއްޔަތުން ސިޔާސީ ފިކުރެއް ނެތި، މުވައްޒަފުންގެ ހައްގުގައި، އަޅުގަނޑުގެ ފްރީޑޮމް އޮފް ސްޕީޗް ބޭނުން ކުރުމަކުން އަޅުގަނޑު ކިހިނެތްތޯ ވަޒީފާ އިން ވަކިކުރާނީ؟" ހަލީލު ވިދާޅުވި އެވެ.
އެމްޕީއެލްގެ މުވައްޒަފުން ވަޒީފާގެ ގާނޫނާއި ހިލާފަށް ވަޒީފާ އިން ވަކިކުރާ މައްސަލަ މިހާރު ވަނީ އެޗްއާރުސީއެމްއާއި ލޭބަ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފައި ކަމަށްވެސް ވިދާޅުވި އެވެ.
އެމްޕީއެލްގައި މިހާރު ވެސް މަސައްކަތް ކުރާ އެހެން މުވައްޒަފަކު އިއްޔެ ބުނީ ސިޔާސީ ވަކި ފިކުރެއްގައި ތިބޭ ކަމަށް ބުނެ ބައެއް މުވައްޒަފުންގެ މަގާމު ދަށްކޮށް އަނެއްބައި މުވައްޒަފުން އެކި ސެކްޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ބައެއް މުވައްޒަފުންނަށް އިންޒާރު ވެސް ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ މެނޭޖްމަންޓެއް އޮތަސް، އެކަމަކު އެއްވެސް ހެއްކެއްނެތި ހަމަ ތުހުމަތުތެއްގައި ފިޔަވަޅު އެޅެންޏާ މައްސަލައެއް. އެއްވެސް އަސްލެއްނެތް ތުހުމަތު މި ހުންނަނީ، އަޅުގަނޑުމެންނާ ދޭތެރޭގައި ހިތުހުރި ގޮތަކަށް އަމަލެއް ނުކުރެވޭނެ،" އެމްޕީއެލްގައި މަސައްކަތް ކުރާތާ ފަސް އަހަރުވެފައިވާ މުވައްޒަފަކު ބުންޏެވެ. އޭނާ ވެސް މަސައްކަތް ކުރި ސެކްޝަންވަނީ ކުއްލިގޮތަކަށް ބަދަލުކޮށް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ އެވެ.
އެ ޝަކުވާތަކާ ގުޅިގެން އެމްޕީއެލްގެ ބޯޑު މެންބަރު، މުހަންމަދު ޝިޔާމް ރޭ ވިދާޅުވީ އެމްޕީއެލްގެ އެއްވެސް މުވައްޒަފަކު ގަވާއިދާއި ހިލާފަށް ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެހެން އޮފީސްތަކެކޭ ވެސް އެއްގޮތަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވާ އަދި ފަރުވާކުޑަކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ހުރެދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަމުގެ ޔަގީންކަން ދެން، މިކޮޅުން އެފަދަ ކަމެއް ކޮށްފައި ނޯންނާނެ ކަން. އެހެނެއް ނޫން މުވައްޒިފަކު ވެސް ފަރުވާކުޑަވެ އެތަނެއްގައި ކަނޑައަޅާފައި އޮންނަ އުސޫލާ ހިލާފަށް އެކަމެއް ކުރަންޏާ މުވައްޒަފުން ވަކިކޮށްފައި ހުރެދާނެ،" ޝިޔާމް ވިދާޅުވި އެވެ.