28 Aug 2012, 10:35
ގއ. ވިލިނގިލިން: ހުސައިން ހަސަން
ޖޯގުރަފީ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގެ، ތާރީހާއި ސަގާފަތް ދެނެގަތުމަށް ދިވެހި ބަހުގެ އެކަޑަމީން ގދ. އާއި ގއ.ގެ ރަށްތަކަށް ކުރާ ޒިޔާރަތުގައި ރަށްރަށުގައި ތުންތުންމަތިން ދެކެވެމުންދާ ފުލޯކް ނުވަތަ ފޯކްލޯ ވާހަކަތައް ރިކޯޑްކޮށް، ތާރީހަށްޓަކައި ރައްކާކުރުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހުވަދު އަތޮޅުގެ ރަށްތަކަށް ދިވެހިބަހުގެ އެކަޑަމީން ފެށި ދަތުރުގައި ހުވަދު އަތޮޅުގެ ތާރީހީ ތަންތަންނަށް ޒިޔާޒަތްކޮށް، ތާރީހީ "ފޯކްލޯ" ވާހަކަތް ހޯދައިފައިވެ އެވެ. އަދި ހުވަދު އަތޮޅުގެ މަޝްހޫރު އާއިލާތައް ހޯދައި އެ އާއިލާތަކުގެ ދަރިފަސްކޮޅު ދެނެގަތުމުގެ މަސައްކަތްތަކެއް ވެސް ކުރި އެވެ. ތާރީހީ އެ ވާހަކަތައް ހޯދުމުގައި ހަރަކާތްތެރިވެވަޑައިގެންނެވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އާއި ތާރީހާ ބެހޭ ސެކްޝަންގެ ހެޑް މުހައްމަދު ވަހީދު (ނަދުވީ) އެވެ. އެ ދެ ބޭފުޅުންނާ އެކު އެކަޑަމީގެ ތިން މުވައްޒަފަކު ވެސް ދަތުރުގައި ބައިވެރިވި އެވެ.
ދިހަ ދުވަހަކަށް ހުވަދު އަތޮޅަށް ކުރާ ދަތުރުގައި 16 ރަށަށް މިހާތަނަށް ދަތުރުކޮށްފައިވާ އިރު، ތާރީހީ ތަންތަނުގެ ފޮޓޯ އާއި ވީޑިއޯކޮށް، ތުންތުންމަތިން ދެކެވެމުންދާ ފޯކްލޯ ވާހަކަތައް ދުވަސްވީ މީހުންގެ ކައިރިން ހޯދައި ރިކޯޑްކުރި އެވެ. އެގޮތުން ފަޅުވެފައިވާ ރަށްތަކުގައި ހުންނަ ޒިޔާރަތްތަކުގައި ވަޅުލާފައި ތިބޭ މީހުންނާ ގުޅުވައިގެން ދައްކާ ވާހަކަތަކާއި ނާމާން ކަމަށް ބުނާ ސަރަހައްދުތަކުގައި ހިނގާފައިވާ ކަމަށް ބުނާ ހާދިސާތަކުގެ ވާހަކަތައް އޯޑިއޯ ރިކޯޑްކުރި އެވެ.
ހުވަދު އަތޮޅަށް ކުރާ ދަތުރުގައި ގއ. ވިލިނގިލީގައި ހުންނަވައިގެން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ހުވަދު އަތޮޅަށް ކުރާ ދަތުރުގައި ފުލޯކް ނުވަތަ ފޯކުލޯ ވާހަކަތައް ތާރީހަށްޓަކައި ރައްކާކުރުމުގެ މަސައްކަތްތަކެއް އެ އެކަޑަމީން ކުރިއަށް ގެންދާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަތަކަކީ ހާދިސާއަކާ ގުޅުވައިގެން ދައްކާ ފުލޯކް ވާހަކަތަކެއް ކަމަށާއި އެކަމުގައި ހަގީގަތެއް ވެސް ހުރެދާނެ ކަމަށްޓަކައި ތާރީހަށްޓަކައި އެ ވާހަކަތައް ފޮރުވައި ރައްކާ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ތާރީހީ ދިރާސާތަކަށް އެފަދަ އޯޑިއޯ ރިކޯޑިންތައް ކޮންމެހެން ވެސް ބޭނުންތެރި ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ ހުވަދު އަތޮޅަށް ކުރާ ދަތުރު ނިންމާލުމަށް ފަހު އެ ކަޑަމީން ހުވަދު އަތޮޅާ ބެހޭ ގޮތުން ރިޕޯޓެއް އެކުލަވައި ލާނެ ކަމަށެވެ. އަދި އޭގެ ފަހުން ހުވަދުއާ ބެހޭ ގޮތުން ފޮތެއް ވެސް ނެރުއްވަން ގަސްތު ކުރައްވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުވަދު އަތޮޅަކީ ތާރީހީ ގޮތުން މުހިއްމު އަތޮޅެއް ކަމަށާއި ނަމަވެސް ބައެއް ރަށްރަށުގައި ތަރިކަ ހިމާޔަތް ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ގދ. ވާދޫގައި ހުރި 40 ހާފިޒުންގެ މަހާނަތުގެ ގާތައް ބިންދައި ހަދައިފައިވާ އިރު ގދ. ގައްދޫއާއި ފަރެސްމާތޮޑާގައި ހުރި ބައެއް ތާރީހީ ބިނާތައް ތަޅާލައިފައިވާ ކަމަށެވެ.
"މިއަތޮޅަށް ޓޫރިޒަމް ތައާރަފްވަމުންދާއިރު، ތާރީހީ ބިނާތައް އެހުންނަނީ ފަނާވާން ދޫކޮށްލެވިފައި. އެކަށީގެންވާ ގޮތުގައި ތަރިކަ ހިމާޔަތް ކުރެވިފައި ނުވާކަން އެކަމުން އެބަ އިނގޭ. ކައުންސިލްތަކުން މި ބުނަނީ އެތަންތައް ބަލަހައްޓަން ބަޖެޓެއް ނެތޭ. އެއީ ވެސް ދެން މައްސަލައެއް،" އަޝްރަފް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ނަދުވީ ވިދާޅުވީ ތާރީހުގައި އެނގެން ނެތް ވާހަކަތަކެއް ހުވަދުއަތުޅުން ފެންނަން އެބަ ހުރި ކަމަށާއި އެފަދަ ތަންތަނާއި މީސްމީހުންނާ އިންޓަވިއުކޮށްގެން އެފަދަ ވާހަކަތައް ހޯދައިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުވަދު އަތޮޅުގައި ބޮޑެތި ދަރިކޮޅުތަކެއް އެބަހުރި ކަމަށާއި ކުރީގައި ހުވަދޫގައި ބޮޑެތި ގަނޑުވަރުތަކެއް ކުރި ކަމަށް ބުނި ނަމަވެސް މިހާރު އޭގެ އެއްވެސް ނިޝާނެތް ފެންނަން ނެތް ކަމަށް ނަދުވީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނޭނގި ކުރީގެ މުސްކުޅި ބިނާތައް ތަޅާލައިފައި އެބަހުރި. އެއީ ދެން ވަރަށް ދެރަކަމެއް. ރަށްރަށުގެ ރައްޔިތުން ވެސް އެކަމަށް އަހުލުވެރިވާން އެބަޖެހޭ. ތާރީހު ހިމާޔަތް ކުރެވޭނީ އަޅުގަނޑުމެންނަށް،" ރާއްޖެ އިސްލާމްވި ގޮތާ ބެހޭ ގޮތުން ބޮޑު ދިރާސާއެއް ކުރައްވާފައިވާ ނަދުވީ ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކަޑަމީން ހުވަދު އަތޮޅަށް ކުރާ ދަތުރުގައި އެ އަތޮޅުގެ ރަށްރަށުގައި މީސްމީހުން ގެންގުޅޭ ދުވަސްވީ ބައެއް ލިޔެކިޔުންތައް ނަދުވީ ބައްލަވައި ދިރާސާ ކުރައްވާފައިވެ އެވެ. އަދި އެތަނުން ބައެއް ލިޔެކިޔުންތައް މާލެ ގެންދިއުމުގެ މަސައްކަތްތައް ވެސް އެކަޑަމީން ދަނީ ކުރަމުންނެވެ.