މާލޭގެ މައިކުނި ކޮށީގައި ކުނި ބޭރު ކުރަން ބޭނުން ކުރާ ބައެއް ސާމާނުތައް ހަލާކުވެ، ކުނި ކަމާލު ނުކުރެވި، މާލޭގެ އެންމެ ބޮޑު މަގު ބޮޑުތަކުރުފާނު މަގަށް ކުނިތައް ފެތުރިއްޖެ އެވެ.

މިރޭ 9:00 ޖަހާކަން ހާއިރުން ފެށިގެން ކުނިކޮށީގެ އިރުން ހުންނަ ގޭޓާއި ހުޅަނގުން ހުންނަ ގޭޓު ވަނީ ކުނިތަކާ ހެދި ބަންދުވެފަ އެވެ. އަދި ކުނި އުކަންދިޔަ މީހުން ކުނިއުކަމުން ދިޔައީ މަގުމައްޗަށްވާ ގޮތަށެވެ. ދެ ގޭޓާ ދިމާއިން ބޭރުވެފައިވާ ކުނިތައް ބޮޑުތަކުރުފާނު މަގުގެ ގާތްގަނޑަކަށް މެދެއްހާ ހިސާބަށް ފެތުރި ކުނިކޮށީގެ ދެ އަރިމަތިން އޮންނަ ގޯޅިވެސް އޮތީ ކުނިން ބަންދުވެފަ އެވެ. އަދި މުޅި ސަރަހައްދަށް ވަނީ ކުނީގެ ވަސް ފެތުރިފަ އެވެ. ކުނިއަޅަން ދާމީހުން އޭރުވެސް ކުނިއަޅަމުން ގެންދިޔައީ ގޭޓުތަކާ ދިމާލުން މަގުމައްޗަށެވެ.

އެ ސަރަހައްދަށް ސަން އޮންލައިންގެ ނޫސްވެރިން ދިޔައިރު އެކްސްކަވޭޓަރެއް ބޭނުންކޮށްގެން މަގުމައްޗަށް ބޭރުވެފައިވާ ކުނިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް އެ ސަރަހައްދުން ސިޓީ ކައުންސިލުގެ އިސްވެރިއަކު ނެތެވެ. ކުނިތައް ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ކުނި ކޮށީގެ ބިދޭސީ މުވައްޒަފުންނެވެ.

އެމީހުން ބުނީ ކުނިތައް މަގުމައްޗަށް ބޭރުވީ ކުނި ކޮށީގައި ބޭނުންކުރާ އެކްސްކަވޭޓަރުތައް ހަލާކުވެގެން ކަމަށާއި މަގުމައްޗަށް ނުކުތް ކުނިތައް ސާފުކުރަން ގެންގުޅެމުން ދިޔަ އެކްސްކަވޭޓަރަކީ ވެސް ކުއްޔަށް ގެނެސްފައިވާ އެއްޗެއް ކަމަށެވެ.

"މިތާ އެތެރޭ އެބައުޅޭ ތިން މަހެއްހާ ދުވަހުގެ ކުނި ނައްތާލަންވެ ނައްތާނުލެވިފައި, އަނެއްކާ މިކަމާއި ހަވާލުވެ ތިއްބަވައި ބޭފުޅުން މިކޮޅަށް ވަޑައިގަންނަވަނީއެއް ނޫން، މިކޮޅުގައި ހުރި ގިނަ އެއްޗިހި މިހިރީ ހަލާކުވެފައި، މިރޭވެސް މިހެން މި ދިމާވީ އެކްސްކަވޭޓަރުތައް ކުއްލިއަކަށް ހަލާކުވެގެން،" އެކަކު ބުންޏެވެ.

ކުނިކޮށިން ކުނިތައް ބޭރުވެ، އެކަމުގެ ޝަކުވާ ލިބެން ފެށުމުން ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުނިނައްތާލުމަށް ބުރޫއަރާފައިވަނީ ކުނިނައްތާލުމަށް ބޭނުން ކުރަމުންދާ ވެހިކަލްތައް ހަލާކުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން ސިޓީކައުންސިލުން ބުނެފައިވަނީ ކުނި އުފުލަން ބޭނުންކުރާ 10 ލޮރީގެ ތެރެއިން ތިން ލޮރީ ހަލާކުވެފައިވާ ކަމަށާއި ދެ އުފުލީގެ ތެރެއިން އެއްއުފުލި ހަލާކުވެފައިވާ ކަމަށެވެ. އަދި ބުނަނީ ކުނިނައްތާލެވެން އަންނަނީ އެކަމަށް ބޭނުންވާ ބަޖެޓް ލިބިގެން ކަމަށާއި މި އަހަރުގެ ބަޖެޓް މަޖިލީހުން އެކުލަވާލިއިރު ކުނި ނައްތާލުމަށް އެއްވެސް ފައިސާއެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

"އެކަށީގެންވާ ގޮތެއްގައި މާލޭ ސިޓީގައި އުފެދޭ ކުނި ނައްތާލުމަށް މަދުވެގެން 25 ލޮރީ، ހަތަރު އެކްސްކަވޭޓަރު ތިން ލޯޑަރު އަދި ތިން އުފުލި ލިބިގެން ނޫނީ މާލެއަށް މިހާރު ކުނި ޖަމާވަމުންދާ ނިސްބަތުން ކުނީގެ މައްސަލަ ހައްލުކުރުމަކީ ދަތިކަމެއް ކަމުގައި ފާހަގަކުރަމެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ރޯދަމަހު ވެސް ކުނިއުކާލެވޭ ނިސްބަތް ގިނަވުމުގެ ސަބަބުން ކުނި ނައްތާލުމުގައި ބޭނުންކުރާ ސާމާނުގެ ދަތިކަމާއި ކުރިމަތިލާން ޖެހުނެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މާލޭގެ ކުނި ނައްތާލުމަށް 62 މިލިއަން ރުފިޔާ ފިނޭންސުން ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) އޭރު ވިދާޅުވެފައިވަނީ އެ ފައިސާއަކީ މިއަހަރުގެ ބާކީ އޮތް ބައިގައި ކުނިނައްތާލުމަށް އެކަށޭނަ މިންވަރެއް ކަމަށެވެ.
މިރޭ ކުނިތައް މަގަށް ފެތުރިފައި އޮތް ނަމަވެސް ކުނިކޮށީގެ އެތެރޭގެ ކޮންމެވެސް ވަރަކަށް ތަން އޮތެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ ކުނިތައް މަގުމައްޗަށް ފެތުރުނީ މިއަދު އިރުއޮއްސުނު ގަނޑީގައި ކުނިކޮށި ބަންދުކުރުމުން މީހުން މަގުމައްޗަށް ކުނިއަޅަން ފެށުމުން ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލުން ޖެއްސުން ކުރަން ކުރިކަމެއްކަމަށް ވެސް ބައެއް މީހުން އެ ސަރަހައްދުގައި ބުނަމުން ދިޔަ އެވެ.

ސިޓީ ކައުންސިލްގެ ހިސާބުތައް ދައްކާގޮތުން މާލެއިން ދުވާލެއްގެ މައްޗަށް 50-40 ލޮރީގެ ކުނި ގެންދެ އެވެ. އަދި މާލޭގެ އެއްނަމްބަރު ކުނިކޮއްޓަށް ދުވާލެއްގެ މައްޗަށް 100-80 ޕިކަޕު އަދި 100 ސައިކަލް އަދި 13 ގާޑިޔަލުގެ ކުނި އުކާލަ އެވެ. އަދި ދެ ނަމްބަރު ކުނިކޮށްޓަށް ދުވާލަކު 500 ޕިކަޕާއި 600 ސައިކަލާއި އަދި 800 ބައިސްކަލާއި 30 ގާޑިޔަލާއި 30 ވީލްބަރޯގެ އިތުރުން ފައިމަގުގައިވެސް 350 އެއްހާ ކުނި ކޮތަޅު އުކާނެ ކަމަށް ސިޓީ ކައުންސިލުން ލަފާކުރެ އެވެ. އެހެން ކަމުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މާލެއިން 750 ޓަނުގެ ކުނި އުކާލަ އެވެ.
މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް ސިޓީ ކައުންސިލުން އިންޑިޔާގެ ޓަޓްވާ ގްލޯބަލްއާ އެކު އެއްބަސްވުމެއްގައި 2010 ވަނަ އަހަރު ސޮއިކުރިނަމަވެސް އެ ޕްރޮޖެކްޓް ވަނީ ފެއިލްވެފަ އެވެ. އަދި އެ ގްރިމަންޓްގައި މައްސަލަތަކެއް ހުރުމުން ސަރުކާރުން އަންނަނީ އެގްރިމަންޓް ރިވިއުކުރަމުންނެވެ.

މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ އެކި ފަހަރުމަތިން ކުރިމަތިވެ މިދިޔަ އަހަރުގެ ތެރޭގައި ތިލަފުއްޓަށް އުކާލާ ކުނި މޫދަށް އެޅި މާލޭ ސަރަހައްދުގެ މޫދު ތަޣައްޔަރުވި އެވެ.