27 Aug 2012, 23:26
ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއި މައްސަލަ ހުށަހެޅުމާއި ވިޔަނުދޭނެ ކަމަށާއި ކުރަންވެއްޖެ ކަމަށް ވިދާޅުވުމަކީ މިއަދުގެ ޒިންމާތަކުގެ ތެރޭގައި އޮތް އެއްމެ ބޮޑަތި ބުރަ އަދި މުހިންމު ކަންކަން ކަމުގައި ޔަގީންނުކޮށް ކުރެވޭނެ އެހެން ކަމެއް އެބައޮތްހެއްޔެވެ. ކޮންމެ މެންދުރަކާއި ހަވީރެއް ވެއަތުވަނީ އެތައްއެތައް ފަހަރަކު މިއަޑުތައް އިވުމުގަ އެވެ. ކުށްވެރިކުރެ އެވެ. އެއީވެސް އާދައިގެ އިބާރާތަކުން ނޫނެވެ. ހަރުކަށިކޮންނެވެ. މައްސަލަ ހުށަހަޅަ އެވެ. އެއްތާކަށް ދެތާކަށްނޫނެވެ. ހުރިއްޔާހުރި ހުރިހާ ތަނަކަށެވެ. ވާގޮތް ކަމުނުދާތީ އެހެންވިޔަނުދޭނެ ކަމަށާއި އެވެނި މިވެނިކަންކަން މިވެނިހެން ކުރަންވެއްޖެ ކަމަށް ކަނޑަ އަޅައި ވިދާޅުވެ އެވެ. އެކަނިގިނިކަންޏާ ހުންނަވައިގެނެއް ނޫނެވެ. އެންމެންގެ ކުރިމަތީގައި އެނގިފެނިގެން ފާޅުގަ އެވެ. މިއަދުގެ ޒިންމާ އަކީ ނުވަތަ ޒިންމާތަކަކީ އެއީކަން ޔަގީންކުރަން ޖެހޭ ސަބަބަކީ މިއީ އެވެ.
މިއީ ކޮންފަދަ ބޮޑުތަފާތެއް ބާވައޭ ހީވެ ހައިރާން ވެވެ އެވެ. އަމަލީއެއް ވެސް ފިޔަވަޅެއް ނާޅައި ހަމައެކަނި ދުލުންނާއި ގަލަމުން އެއްމެންވެސް އެމީހުންގެ ވަޒީފާ ނުވަތަ ޒިންމާ އަދާކުރެވޭ ފަދަ ދުވަހެއް ހަމަ އައީހެއްޔެވެ؟ ގޯތީގެ ވަށައިފާރު އޮތީވެއްޓިފަ އެވެ. ވައްޓާލީ އެވެ. ގޭމީހުންނަށް އެކަން ވަރަށް ބޮޑުކަމަކަށްވެގެން ތެޅިފޮޅެނީ އެވެ. ނިވާކަމެއް ނެތިގެން ހަދާނެގޮތް ހުސްވެގެން އެކޮޅުމިކޮޅަށް ދުވަނީ އެވެ. ބޮޑުމީހާ އެކަން ކުށްވެރި ކުރީ އެވެ. އެއްމެ އަޑުގަދަކޮށް ދަނގަޑު އިބާރާތުންނެވެ. އެކަން އެހެންވެގެން ނުވާނެކަމަށް ބުނެ ވިޔަކަ ނުދޭނަމޭ ވެސް ބުންޏެވެ. އަދި މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދާނަން ކަމުގައިވެސް ބުނެ އެވެ. ފާރު ރާނަންވީއޭ މިފަހަރު ރާނާނީ ދަގަނޑު ލައްވައިގެންނޭ ވެސް ބުންޏެވެ. ވިދާޅުވި އެވެ. ފާރުވައްޓާލި ދުވަހު ވެސް އިވުނީ ހަމަ އެވާހަކަ ތަކެވެ. އޭގެ އެއްހަފުތާ ފަހުންވެހެވެ. މިއަދުވެސް އިވެނީ ހަމަ އެވާހަކަ ތަކެވެ. ގޭގައި ތިބިމީހުން ތައް ހަމަ އެފަދަ ހާލެއްގައި ތިބީއެވެ. ވީކަމެއް ވާ ކަމެއް ނެތެވެ. ވާނެކަމެއް ވާނީވެސް ލަފާ ކުރެވޭގޮތުގައި އެއްމެ އަވަހަށް ވެސް އަހަރު ދެއަހަރު ފަހުން ނެވެ. މައްސަލަ ހުށަހެޅި ކަމަށް ވިޔަސް ފުރަތަމަ ކުރަން ޖެހޭ ތަހުގީގުތައް ނިމޭނީ އެހާދުވަހުން ނެވެ. ދެން ދެވަނަ ގޮޅީގައި އަނެއްކާ އެއީ ރަނގަޅު މައްސަލަ އެއްތޯ ބަލަން ދުވަސްތަކެއްވާނެ އެވެ. އަސްލު ބެލުން ބަލަންފެށޭނީ ދެވަނަގޮޅިން ނިންމައި ބަލަން ފޮނުވީމަ އެވެ. ބަލަން ތިބޭ މީހުންގެ ކުރިމަތީގައި މައްސަލަތަކުގެ ފުނިފުނިވަރު ހުންނާނެ އެވެ. ބެލޭނީ ވެސް ބެލޭ ވަރަކުން ކަމުގައި ގަބޫލުކުރަން ޖެހޭނެ އެވެ. ނުބެލި ލަސްވާނެ ސަބަބުތަކެއް ކުރިމަތި ވުމަކީވެސް ނުވާނެކަމެކޭ ބުނާކަށް ނުވާނެ އެވެ. މިހިސާބުންކުއްލިއަކަށް ހަނދާންވީ ކުޑައިރު މާމަ ކިޔައިދޭ ވާހަކައެއްގެ ތަންކޮޅެކެވެ.
"އެތުކަންފަތު ރީ އަޅައިނުދިން މާބުރު" އެވެނިކަމެއްކޮށްނުދިން މިވެނިމީހަކު، މިހެންގޮސް އެތައް އެތައް ވަލީއެއްގެ ކޮޅުން އެތަކެއް ދުވަހުން ކުރެވުނު ކުޑަކަމެއްގެ ވާހަކަ އެވެ. ހަނދާންވާ ގޮތުގައި އެކަމަކީ ފަޔަށް ހެރުނު ކަށްޓެއް ނެގުމެވެ. އެކަން ކުރެވުނީ އެކަކުގާތުން އަނެކަކު ގާތުން ހިނގަމުން ހިނގަމުންގޮސް އެތަކެއް ދުވަސް ފަހުންނެވެ. މިހާރު ވެސް މިވަނީ ދާދި އެކަހަލަ ގޮތެކޭ ހިތަށް އަރަ އެވެ. އެއްތާކަށް ދާއިރަށް ފޮނުވާލަނީ އަނެއްތާކަށެވެ. އެތަނުން އަނެއްތަނަށެވެ. ކަންކުރެވޭނެ އަވަސް ފަސޭހަ ގޮތެއް ފެނުނު މީހަކާ ވެސް މިއިންދުވަހަކު ދިމާވިއެކޭ ބުނެވޭކަށް ނެތެވެ.
އެބުނާ ދިމިކުރަތީ އެއްގައި ހާލުހުރި ގޮތަކީ މިއީއޭ ބުނަންވީ ހެއްޔެވެ. ގޯތީގެ ވަށައިފާރު ވައްޓާލި މައްސަލައިގައި ނިވާކަމެއް ނުލިބި އަހަރުތަކެއްވެ މައިދައިތަ މަރުވެދާއިރު ވެސް އަމަލީ އެއްވެސްކަމެއް ނުކުރެވި ބަރަހަނާވެފައި ތިބެން ޖެހުމަކީ ދިމިކުރަތީގެ ހިތްގައިމުކަން ހެއްޔެވެ. އެހެންވިއްޔާ މާވެވަށް ގެރިވެއްޓުނު ދުވަސްވަރުވެސް އެއޮތީ ދިމިކުރަތީ ކަންހަމަ ޔަގީނެވެ. އެހެންޏާފަހެ! ގެރިނެގުމާއިބެހޭ ގޮތުން އިސްމީހުންނަށް އެއްތަން ވެވިގެން ވާހަކަ ދެކެވިގެން އަމަލީ ހަރަކާތުގެ ވަގުތާއިހަމަތަށް ދެވުނު އިރު ވެއްޓުނު ގެރި އޮތީ މަރުވެ ކުނިވާންވެފަ އެވެ. އެކަމަކު މިޒަމާނުގައި، މިހާރު ،މިއަދު ނެގުނުވަރަކަށް، ބޭނުންވަރަކަށް، މުސާރަ ނަގައިގެން ގަލަމުންނާއި ބަހުން އެއްމެންމެ ވަޒީފާ އަދާކުރުމަކީ ޒަމާނީ އާހޯދުމުގެ ތެރޭގައި ފެނިފައިވާ އާއްމު ސިކުނޑިތަކަށް ނުވިސްނޭ ވަރުގެ މޮޅު އަދި ތަހުޒީބު، ހިންގުމުގެ ނިޒާމަކީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ މިއަދު އަހަރެމެންގައި އެދެވޭ ތެދުވެރިކަމެއް ނެތި އަމިއްލަ އެދުމާއި އަމިއްލައުފާ ނޫން އެހެން އެއްވެސް ކަމެއް ހަމަ ނެތީކަމުގައި ވަނީ އެވެ. ކޮންމެއަކަސް މިތިބީ މިނިވަން ކަމުގައެވެ. "ހައްޔަރުން ނެއްޓި" ދުނިޔޭގެ އެހެން ގައުމުތަކުގެ ސަފުގައި ހުރިހާ ގޮތަކުން ފުރިހަމަ މިނިވަންކަން ލިބިގަތުމުގައި ދިމިކުރަތީ ގެނެސް އޭގައި ބަގުޑިބައްދައިގެން ނެވެ. ދިމިކުރަތީގެ ވެސް މޮޅުވައްތަރު ކަމުގައިވާ ބައިބައިވެގަނެގެން މައިދާންތަކަށް ނުކުމެ ދާނޑަށްދެމި މަޑިއަކަށްޖެހި އެއްބަޔަކަށް ވުރެ އަނެއްބަޔަކު މޮޅުވެގަތުމުގެ މަސައްކަތް ކުރަން ޖެހޭ ފަޅީގަ އެވެ. ދުނިޔޭގެ އެހެންމީހުން އުޅޭގޮތަށް ނޫޅެ ކަމުނުދާތީ ޔޯލަ އެވެ.
ބައެއްފަހަރު ހިތަށް އަރައެވެ. ދިމިކުރަތީ އަކީ ގުނބޯލުން ނަށް ވަރަށް ކަމުދާނެ އުސޫލެކެވެ. ފަހަރެއްގައި އެޒަމާނުގައި ޑިމޮކުރެޓިކު ގުނބޯ އައިލަންޑްސް ކިޔާ ގައުމެއްގައި ބަޔަކު އުޅުނީކަމުގައި ވެސް ވެދާނެތާ އެވެ. އެހެންވެފައިވާ ނަމަ ގުނބޯމާގެ ކިޔާ ގެއެއްގެ ވަށައިފާރު ވެއްޓިގެން މިގޮތަށް ކަންތައްވެ އެތައް ދުވަހެއްވަންދެން ބަރަހަނާ ވެގެން ތިބެފައި ވެސް ވުމަކީ އެކަށީގެންނުވާ ކަމަކަށް ނުވާނެ އެވެ. އެއީ ވެދާނެ ކަމެއް ކަމުގައި ބަލާ ނަމަ ގުނބޯ އައިލަންޑްސްގެ ގައުމީ ސަލާމަކީ މިއީ ކަމުގައި ވެސް ނިންމިދާނެ ނޫންހެއްޔެވެ.
"ގުނބޯލޯ ގުނބޯލޯ، ފުއްޕިހަކުރު ބޯން ތެދުވެ، އާލިބާސް ލާން ތެދުވެ..." މިއަޑުއިވެން ފަށާއިރު ހުރިހާ ގުނބޯތައް ކޮޅަށްޖެހި ތެދުވެ ނަށަން އެތިބެނީ ހަމަ އުފަލުންނެވެ.