27 Aug 2012, 23:04
ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ކޯ ޗެއާ، ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖަސްޓިސް ޖީޕީ ސެލްވަމް އެކުލަވާލާފައިވާ އަދި އެމްޑީޕީން ކަންބޮޑުވުން ފާޅުކުރާ ޑްރާފްޓް އެކުލަވާލީ އެބޭފުޅާ އެއް މަސް ދުވަސް ވަންދެން ކޯނީގެ މަސައްކަތާ ދުރުގައި ހުންނެވުމަށް ފަހު ކަމަށް އެމްޑީޕީ އިން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޑުރާފްޓް އެކުލަވާލަފައި ވަނީ ކުރިން އެއްބަސް ވެފައިވާ ގޮތްތަކާ ހިލާފަށް ކަމަށެވެ.
ޖަސްޓިސް ޖީޕީ ސެލްވަމް ކޯނީގެ މަސައްކަތްތަކާ މި އަހަރު ޖޫން މަހު 17 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރަށް ޗުއްޓީ ނަންގަވާފައިވެ އެވެ. އޭނާ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންފައި ވަނީ އަމިއްލަފުޅު ދަތުރުފުޅެއްގައި މިދިޔަ މަހު 11 ވަނަ ދުވަހު އެވެ. އެދަތުރުފުޅު ނިންމާލުމަށްފައި އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ ހަފުތާ ބަންދަށް ފަހު އެވެ. އޭގެ ފަހުން އޭނާ މިމަހު 12 ވަނަ ދުވަހު އަނެއްކާ އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ތިން ހަފްތާފަހުން ރާއްޖެ ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ފަހަރު ސެލެވަމް ސިންގަޕޫރަށް ވަޑައިގައިގަތީ އިންޓަވިއު ދެއްވަން ނަން ނޯޓުކޮށްފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށް ނިމުމަށް ފަހު އެވެ.
އެމްޑީޕީގެ އެބަޔާނާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިރޭ ވިދާޅުވީ އެމްޑީޕީން މިހާރު އެދައްކަވާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ފަޑިޔާރު ސެލްވަމް އެންމެ ފަހުން ފުރައިވަޑައިގަތީ ވެސް ބަޔާންނަގަން ޖެހޭ ފަރާތްތަކުގެ ބަޔާންތައް ނެގުމަށް ފަހު ނޫސްވެރިނާ ބައްދަލުކުރައްވައި އެ ހުރިހާ ވާހަކަތަކެއް ހިއްސާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ކޮމިޝަނުގެ ހޯދުންތަކަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން އިހުތިރާމްކޮށް، އެ ހޯދުންތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ވަގުތު ހޭދަކޮށްގެން ވިސްނުންތެރިކަމާ އެކު ފިޔަވަޅު އެޅުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތްޕުޅުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކެނަން ގޮވާލައްވައިފަ އެވެ.
"ރިޕޯޓް ނެރުމަށް އަޅުގަނޑުމެން ތައްޔާރުވަމުން އަންނަ އިރު ކަމާ ގުޅޭ ހުރިހާ ފަރާތަކުން ވެސް ކޮމިޝަންގެ ހޯދުން ތަކަށް އިހުތިރާމްކޮށް، ދިވެހި މުޖުތަމައުގެ އަމާންކަމާއި ޑިމޮކްރެޓިކް އުސޫލުތަކާއި ގައުމުގެ މުއައްސަސާތައް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ވަގުތު ހޭދަކޮށްގެން، ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް އަޅުގަނޑު ހިތްވަރު ދެމެވެ،" ސާ މެކެނަން ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.