27 Aug 2012, 22:46
ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ކޮންޑަމް ނުވަތަ ހުރަސް ތެރެއަށް އަޅައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދިވެހި ދެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ އަންހެނުން ހައްޔަރު ކޮށްފައި ވަނީ މިއަދު ހަވީރު 6:55 އެހާކަންހާއިރު އިންޑިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސްއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ހައްޔަރު ކުރި ދެ އަންހެނުންނަކީ 21 އަހަރުގެ ދެ އަންހެނުންނެވެ. އެ ދެ އަންހެނުން ހައްޔަރު ކޮށް ހަށިގަނޑު ބަލައި ފާސްކުރަމުން ދަނިކޮށް އެތަނުން އެކަކު އޭނާގެ ގައިގެ ތެރޭގައި ފޮރުވާފައި އޮތް ފަސް އިންޗީގެ ދިގު ކޮންޑަމެއް އަމިއްލައަށް ފުލުހުންނާ ހަވާލު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ހާޒިރުގައި އެ ކޮންޑަމް ބަލައި ފާސްކުރި އިރު އެއީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާ ބަންދުކޮށްފައި އޮތް ހުރަހެއް ކަމާއި އެ އެ ހުރަސް ބަންދުކޮށްފައި ވަނީ މަތިމައްޗަށް ތިން ހުރަސް ލައްވައި ވަށައި ޓޭޕް އަޅައިގެން ކަމަށެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވި ގިނަ ބަޔަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަހަރު ތެރޭގައި ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ 100،000ރ. އިން ޖޫރިމަނާ ކޮށްފައެވެ.