27 Aug 2012, 22:04
ފުރަތަމަ ފަހަރަށް ސީރިއާ 2-1 އިން ބަލިކޮށް ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ރާއްޖެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްކޮށްފި އިރު ކޯޗު އިސްޓަވާން އުރުބާނީ ފަހު މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ފަހަރަށް ފަސްކޮށް މިރޭ 7:45ގައި ފެށި މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާާމާއެކު 1500 ޑޮލަރު ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ރާއްޖެ މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މި ދެ ގޯލަކީ ވެސް ސީރިއާގެ ކީޕަރުގެ މިސްޓޭކެވެ.
ގައުމީ ކީޕަރު އިމްރާނު މުހައްމަދު މޮޅު ސޭވަތަކެއް ކުރި މެޗުގައި ލަނޑު ޖަހަން އަސަދުﷲ އަބުދުﷲ އަށާއި ދަގަނޑޭ އަށް ލިބުނު ދެ ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ.
މި މެޗުން މޮޅުވި ލަނޑު އައްމަޑޭ ޖެހުމުން އުފާފާޅުކޮށް ގައުމީ ކޯޗު އިސްޓަވާން އުރުބާނީ ވަނީ މެޗުގެ ވަގުތު ހަމަވެއްޖެކަމަށް ދެ ފަހަރަކަށް ރެފްރީ އަށް އެކަން އަންގުމަށް މަސައްކަތްކޮށްފަ އެވެ. އަދި ރެފްރީ މެޗު ނިންމާނުލަިއ ދިގު ދެންމުމުން ކޯޗު ވަނީ ރުޅިއައިސްގެން ދަނޑަށް ވެސް އަރައިފަ އެވެ. މިކަމާގުޅިގެން ކޯޗު ބެންޗުން ފޮނުވާލި އެވެ. އަދި އަދަބެއްގެ ގޮތުން ކޯޗުވަނީ މާދަމާ ނޫން އަނެއް ދުވަހު ކެމަރޫނާއެކު ރާއްޖެ ކުޅޭ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
މި މެޗުން މޮޅުވުމުން ރާއްޖެ އަށް ހަ ޕޮއިންޓް ލިބިފައިވެ އެވެ. އިންޑިޔާ އަށް މިހާރު ހަ ޕޮއިންޓް އަދި ކެމަރޫނަށް ހަތަރު ޕޮއިންޓް ސީރިއާ އަށް އެއްޕޮއިންޓް ނޭޕާލަށް ޕޮއިންޓެއް ލިބިފައި ނެތުމުން ކެމަރޫން މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ ފައިނަލަށްދާނެ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.