އަންނަ ބުރާސްފަތި ދުވަހު ނެރޭ ހަމަ ޖެހިފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ރިޕޯޓާއި ގުޅިގެން ހިންގައިފާނެ ހަމަނުޖެންތަކަށްޓަކައި މިހާރު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ގަވާއިދާ ހިލާފުވި 30 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ. އަދި ފުލުހުން ވަނީ ހަތް ސައިކަލެއް ޓޯކޮށްފަ އެވެ.

އޮޕަރޭޝަންގެ ސްޕޯކްސްޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ އެ އޮޕަރޭޝަން ގައި މާލޭގެ ގިނަ ސަރަޙައްދު ތަކެއްގައި ވެހިކަލް ޗެކް ޕޮއިންޓްތަށް ގާއިމްކޮށް ގިނަ އަދަދެއްގެ އުޅަނދުތައް ބަލައި ފާސްކޮށްފައިވާ ކަމަށާއި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެ ވެހިކަލްތަކުގަ އާއި ފައިމަގުގައި ޕެޓްރޯލް ކުރަމުންދާކަމަށެވެ. މާލެތެރޭގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވެފައިވަނީ އޮޕަރޭޝަނަށް އާންމުންގެ އެއްބާރުލުން ލިބޭ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދާ އިރު ދިމާވެދާނެ ދަތިތަކަށްޓަކައި އާންމުންގެ ކިބައިން މައާފަށްއެދޭ ކަމަށްވެސް ނަވާޒް ވިދާޅުވި އެވެ.

ފުލުހުން އެއޮޕަރޭޝަން ފަށާފައިވަނީ އިއްޔެ އިރުއޮއްސި 6:00 ޖެހިއިރުން ފެށިގެނެވެ. އިއްޔެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލީސް ހުސައިން ވަހީދު ވިދާޅުވީ ބުރާސްފަތި ދުވަހުން ނެރުމަށް ހަމަ ޖެހިފައިވާ ކޯނީގެ ރިޕޯޓާ ގުޅިގެން މާލެ އާއި ރާއްޖެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަން ނިންމީ ހަމަ ނުޖެހުންތަކަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.