ހައުސިން ޑިވެލޮޕްމަންޓް ފައިނޭޝް ކޯޕަރޭޝަނުން ފުލުހުންނަށް ހައުސިން ލޯން ދޫކުރަން ހަމަޖައްސައިފައިވާ ކަމަށް ކޮމިޝަނާ އޮފް ފޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކަމިޝަނާގެ މިހެން ވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ފުލުހުންގެ ތެރެއިން މި ލޯނަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި ފުލުހުން ބޭނުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެ އެޅުމަށް އެލޯން ލިބޭނެ ކަމަށެވެ.

"ފުލުހުންނަށް ހައުސިން ލޯން ދިނުމާ ގުޅޭ ހާއްސަ އުސޫލުތަކެއް ވަނީ ހަމަޖެހިފައި، އެކަމަށް ޝައުގުވެރިވާ ފުލުހުންނަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެ އެޅުމަށް އެ ލޯން ލިބޭނެ،" ކަމިޝަނާ ޓުވީޓް ކުރައްވާފައިވެ އެވެ.

ފުލުހުންނަށް ލޯން ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ރިޔާޒު ވިދާޅުވެފައިވީ ނަމަވެސް އެ ލޯން ދޫކުރާ އުސޫލު އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހައުސިން ލޯން ދޫކުރުމަށް ހަމަޖައްސައިފައިވާކަން ކަމިޝަނާ އޮފް ޕޮލިސް މިއަދު އާއްމުކޮށް އަންގަވައިފައިވާ ކަމަށާއި އެ ލޯން ދޫކުރުމަށް ހަމަޖައްސަައިފައި ވަނީ އެޗްޑީއެފްސީން ލޯން ދޫކުރުމަށް ކަނޑައަޅަފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މިލޯން ދޫކުރާނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި ގެދޮރު ހެދުމަށް ކަމަށެވެ.

ހަނީދު ވިދާޅުވީ މިކަމުގައި ފުލުހުންނަށް ލިބިގެންދާނެ ފަސޭހައަކީ ފައިސާ ދެއްކުމުގައި ފަސޭހަވުމާއި އެޗްޑީއެފްސީއަށް ލިބިގެންދާ އިތުބާރު ކަމަށެވެ.

"އެލޯން ފުލުހުންނަށް ވެސް ދޫކުރަނީ އާއްމުންނަށް ހައުސިން ލޯން އެޗްޑީއެފްސީން ދޫކުރާ އުސޫލުތަކުގެ މަތިން، ތަފާތަކީ ފުލުހުންގެ އިދާރާއިން ފުލުހުންނަށް ލޯންތަކަށް ދޭ ގެރެންޓީ އާއި ފައިސާ ދެއްކުުމުގައި ފަސޭހަތަކެއް ވުން،" ހަނީފު ވިދާޅުވި އެވެ.