ވެރިކަން ބަދަލުވިގޮތް ބަލަން އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ނެރޭއިރު އޭގައި ސިފައިންނާއި ފުލުހުންގެ ބައިތައް ހިމަނަން ގޮވާލައި މުލިއާގޭ ދޮރުމަތީ އެމްޑީޕީން ޝުއޫރު ފާޅުކޮށްފި އެވެ.

މިއަދު 4:30 ކަންހާއިރު އެމްޑީޕީ އޮފީސް ކުރިމަތިން ހިނގާލުމެއްގެ ގޮތުގައި ފަށައި ކޯނީގެ މަސައްކަތްތައް ހިންގާ މުލިއާގޭ ދޮރުމަތީގައި މަޑުކޮށް ގޮވާލާފައި ވަނީ ކޯނީގެ ރިޕޯޓްގައި "ބަޣާވާތް" ކުރި ސިފައިންނާއި ފުލުހުންގެ ވާހަކަ ހިމެނުމަށެވެ. ކޯނީގެ ޑްރާފްޓް ރިޕޯޓް އިސްލާހު ކުރުމުގެ އިތުރުން ފުލުހުން "ޖަޒުބާތު" ގައި ޖެހިގެން އަނިޔާ ނުކުރުމަށް ވެސް މިއަދު ގޮވާލި އެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމުގައިވާ އިލްޔާސް ލަބީބް އާއި އީވާ އަބްދުލްﷲގެ އިތުރުން އަހުމަދު ރަޝީދު އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދިޔަ އެ މުޒާހަރާގައި އެހާ ގިނަ ބަޔަކު ބައިވެރިއެއް ނުވެ އެވެ.

މުޒާހަރާ ކުރި މީހުން 5:15 އެހާކަންހާއިރު ފުލުހުން ވަނީ ސަލްޓަންޕާކާ ހަމައަށް ފަހަތަށް ޖައްސާފައެވެ. މުޒާހަރާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ހަމަނުޖެހުމެއް ވެސް ނުހިނގަ އެވެ.

އެމްޑީޕީން ރޭވެސް ވަނީ ކޯނީ ގެ ރިޕޯޓް ހަގީގަތާ އެއްގޮތަށް ނެރުމަށް ގޮވާލާ ހިނގާލުމެއް ބާއްވާފަ އެވެ. ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި މެންބަރުން ވަނީ އިންކްއަރީ ކޮމިޝަނުން މިހާރު ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓުގެ ޑްރާފްޓާ އެއްގޮތަށް ފުރުސަތު ދީގެން ނުވާނެ ކަމާށާއި އެ ރިޕޯޓު އެގޮތަށް ނެރުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ވެސް ގޮވާލާފަ އެވެ.

ކޯނީގެ ރިޕޯޓް ނެރެން ކައިރިވެފައި ވަނިކޮށް ރައީސް ނަޝީދުގެ ފަރާތުން ކޯނީ ތަމްސީލު ކުރައްވާ ގަހާ އަހުމަދު ސައީދު ވަނީ ކޯނީގެ ޑްރާފްޓް ރިޕޯޓްގައި ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން އިންޓަވިއުތައް ދިން ގިނަ ފަރާތްތައް ދެއްކި ވާހަކަތަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.