ވަރަށް ބޯކޮށް ވާރޭ ވެހި ދަނޑުގައި ފެން ހެދުމުން ނެހުރޫ ކަޕުގައި ރާއްޖެ އާއި ސީރިއާ މިރޭ ކުޅެން މެޗު ބައިގަޑި އިރަށް ފަސްކުރުމަށްފަހު މިހާރު 7:45 އަށް ފަށަން އޮތްއަނެއްކާ ވެސް ފަސްކޮށްފި އެވެ.

ފަސްދޮޅަސް ހާސް މީހުންގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާގޮތަށް ކުރިން އޮތީ މިރޭ 6:30ގަ އެވެ. ނަމަވެސް ވާރޭގެ ސަބަބުން ފަހުން މެޗު ފަށަން ހަމަޖެއްސީ ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.

ދަނޑުގައި މިވަގުތު ހުރި ގައުމީ ޓީމުގެ މެނޭޖަރު ޓީވީއެމް ޕްރީ ޝޯގައި ދެންމެ ވާހަކަ ދައްކަމުން ބުނީ މެޗު ދެ ވަނަ ފަަހަރަށް ފަސްކުރީ ދަނޑުގައި ފެންހެދިފައި ހުރުމުން ކަމަށެވެ. އަދި އިތުރަށް ވިއްސާރަވެ، ވާރޭވެހެން ފަށައިފިނަމަ މެޗު މާދަމާ ހެނދުނު ކުޅެން ނިންމުމަކީ ވެސް ގާތްކަމެއް ކަމަށެވެ.

އިންޑިޔާގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމާ ދިމާކޮށް މި މަހުގެ 22 ވަނަ ދުވަހު ފެށި 100000ޑޮލަރުގެ މުބާރާތް ހުޅުވި މެޗު ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނެވެ. ނަމަވެސް 15 މިނިޓަށް ފަހު އަލުން ފެށި އެ މެޗު ސީރިއާއާ ވާދަކޮށް 2-1 އިން ކާމިޔާބު ކުރީ އިންޑިޔާ އެެވެ.

ރާއްޖެ އާއި ނޭޕާލް އަދި ކެމަރޫނާއި ސީރިއާގެ އިތުރުން އިންޑިޔާ ވާދަ ކުރާ މުބާރާތުގެ މިއަދުގެ މެޗުން ބަލިވާ ޓީމަކަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ. ރާއްޖެ އަށް ތިން ޕޮއިންޓް މިހާތަނަށް ލިބިފައިވާއިރު ސީރިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރާއްޖެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 2-1 އިނަ މޮޅުވެ ދެ ވަނަ މެޗުގައި އިންޑިޔާ އަތުން ބަލިވީ 3-0 އިންނެވެ. ސީރިއާގެ ފުރަތަމަ މެޗު އިންޑިޔާ އަތުން 2-1 އިން ބަލިވި ނަމަވެސް ކެމަރޫނާ ވާދަކޮށް އެއްވަރުވީ 2-2އިންނެވެ.