27 Aug 2012, 17:41
ސަރުކާރާއެކު މާލޭ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމާ އެކައުންސިލުން ހިލާފުނުވާހާ ހިނދަކު އާޓިފިޝަލް ބީޗް ސަރުކާރަށް ނުނނެގޭނެ ކަމަށް މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވެއްޖެ އެވެ.
މައިޒާން އަލިމަނިކު ސޮއިކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އާޓިފިޝަލް ބީޗުގެ ސަރަހައްދަކީ 19 ސެޕްޓެމްބަރު 2011 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއާ ހައުސިން މިނިސްޓްރީއާ މާލޭ ސިޓީ ކައުންސިލްގެ މެދުގައި ވެވެނު އެއްބަސްވުމެއްގެ ދަށުން އެ ކައުންސިލާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ. އަދި އެބިން އެއްވެސް ކަމަކަށް ދޫކުރާނަމަ އެކަމެއް ކުރަމުން ގެންދާނީ އެ ކައުންސިލުން ކަމަށެވެ.
ސިޓީ ކައުންސިލާއެކު ސަރުކާރުން ވެފައިވާ އެ އެއްބަސްވުމުގެ 4 ވަނަ މާއްދާގައި އާޓިފިޝަލް ބީޗު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ނެގޭނީ އެ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެ ނަމަ ކަމުގައި ބަޔާންކޮށްފައިވާއިރު އެ އެއްބަސްވުމާ އެ ކައުންސިލުން ހިލާފު ނުވާހާ ހިނދަކު އާޓިފިޝަލްގެ ބީޗް ނުނގޭނެ ކަމަށެވެ.
އަލިބެ މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާޓިފިޝަލް ބީޗް ހައުސިން މިނިސްޓްރީއަށް ނެގޭނެ ކަމަށް އެ ކައުންސިލުން ގަބޫލު ނުކުރާއިރު މިނިސްޓްރީއަށް އެބިން ނަގާފައިވާ ކަމަށް ބުނެ އެމިނިސްޓްރީން އެ ކައުސިލަށް ސިޓީއެއްް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެބިން ކައުންސިލަށް ނެނގޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮތް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް އޮންނާނެ ސިޓީއެއް ފޮނުވާފައި އެބިން ނުނެގޭނެ އޭ ބުނެ، މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް ކޮށްފައިވާ އެއްވެސް ކަމެއް ފާހަގަކޮށްފައެއް ވެސް ނެތް،" އަލިބެ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއަށް މާލޭ ސިޓީ ކައުންސިލުން ފޮނުވާފައިވާ އެސިޓީގައި ބުނެފައިވަނީ އާޓިފިޝަލް ބީޗުގެ ސަރަހައްދު ދޫކުރުމަށް ހަދާފައިވާ ބުކިންތަކާ ބެހޭ މައުލޫމާތު ހައުސިން މިނިސްޓްރިއަށް ވަކިގަޑިއަކަށް އެނގުމަކީ އެ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަމާ މެދު އެއްވެސް ސުވާލެއް އުފެދޭނެ ގާނޫނީ ހަމަތަކުގެ މަތިން ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމާ މެދު އެކައުންސިލްގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމަށެވެ.
ސިޓީ ކައުންސިލުން މި ސިޓީ ފޮނުވިއިރު އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ވަސީލަތްތަކާއި އެކު ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ވަޒީރުންގެ މަޖިލީހުން ވަނީ މިދިއަ ޖުލައި މަހު ނިންމާފަ އެވެ.
އޭރު ރައީސް އޮފީހުން ބުނީ އެގޮތައް ނިންމީ ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާއި މެދު ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން އެ ސަރަހައްދު ތަރައްގީ ކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނާވެސް ގުޅޭ ގޮތައް ހަފުލާތަކާއި އެހެނިހެންވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވޭ ގޮތަށް ކެއިން ބުޔުމުގެ އިންތިޒާމު ތަކާވެސް އެކުގައި ކަމަށެވެ.