27 Aug 2012, 17:11
ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ތިން މީހުން ދިފާއުގައި ހުށަހެޅި ހެކީންގެ ތެރެއިން ހަ މީހެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ތިން މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ދިފާއުފައި ދެ މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ. ނަމަވެސް ހެކިބަސް ދިން ގޮތެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
"މިއަދުގެ ޝަރީއަތުގެ މަޖީލީހުގައި ދައުވާ ލިބޭ ކޮންމެ ފަރާތެއްގެ ދިފާއުގައި ދެ މީހަކު ވަނީ ހެކިބަސް ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން އިތުރު ހަތަރު މީހެއްގެ ހެކިބަސް އަދި ނެގިފައިނުވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ އެ މީހުންގެ ހެކިބަސް ނެގުން ކަމަށެވެ. އަދި އެއަށްފަހު މުހީތުގެ ވާރިސުންގެ ބަޔާން ނެގުން އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދިފާއުގައި ހުށަހަޅާފައިވާ އިތުރު ހަތަރު މީހެއްގެ ހެކިބަސް ނެގުން. އެއިރުން ދިފާއުގައި ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގާ ނިމޭނެ. ދެން އޮންނާނީ ވާރިސުންގެ ބަޔާން ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގިއިރު އެތިން މީހުންގެ އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް އޭގެތެރެއިން އެކަކަށް މާޗް މަހުގެ ތެރޭގައި 18 އަހަރު ފރިފައިވާއިރު އަނެކަކަށް މި މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާއަށް 18 އަހަރު ފުރޭނީ އަންނަ އަހަރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުން މީގެ ކުރިން ވަނީ އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް ނަގާފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރައި މުހީތު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ.
އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނެވެ.
މުހުޖަތާއި މުޝައްފައުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަދި މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ އެވެ.
މުހުޖަތާއި މުޝައްފައުއާއި މައިމޫންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން މިހާތަނަށް ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ ހެކިބަހެވެ.
ހެކިބަސް ދެމުން އެމީހާ ބުނީ މުހީތުގެ ގަޔަށް މުހުޖަތު ވަޅި ހެރި މަންޒަރު އޭނާއަށް ފެނުނުކަމަށެވެ. އަދި އެވަގުތު އެތާގައި ގިނަ ބަޔަކު ތިބިނަމަވެސް މުޝައްފައު އާއި މައިމޫން އެތަނުން އޭނާއަށް ފެނިފައި ނުވާކަމަށްވެސް ހެކިބަސް ދެމުން އެމީހާ ބުނެފައި ވެއެވެ.