27 Aug 2012, 16:27
ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ) އިން ހޯދާ ހޯދުންތަކަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން އިހުތިރާމް ކުރަން ކޮމަންވެލްތުން ގޮވާލައިފި އެވެ.
ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ކޮމިޝަނުގެ ހޯދުންތަކަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން އިހުތިރާމްކޮށް، އެ ހޯދުންތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ވަގުތު ހޭދަކޮށްގެން ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތްޕުޅުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކެނަން ގޮވާލައްވާ ކަމަށެވެ.
"ރިޕޯޓް ނެރުމަށް އަޅުގަނޑުމެން ތައްޔާރުވަމުން އަންނަ އިރު ކަމާ ގުޅޭ ހުރިހާ ފަރާތަކުން ވެސް ކޮމިޝަންގެ ހޯދުން ތަކަށް އިހުތިރާމްކޮށް، ދިވެހި މުޖުތަމައުގެ އަމާންކަމާއި ޑިމޮކްރެޓިކް އުސޫލުތަކާއި ގައުމުގެ މުއައްސަސާތައް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ވަގުތު ހޭދަކޮށްގެން، ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުމަށް އަޅުގަނޑު ހިތްވަރު ދެމެވެ،" ސާ މެކެނަން ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައި ވެއެވެ.
ރިޕޯޓް ނެރުމަށް ފަހު ވެސް ރާއްޖޭގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ކަމާ ގުޅޭ ހުރިހާ ފަރާތަކުން މަޑުމައިތިރިކަމާ ޒިންމާދާރުކަމާއެކު އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް މެކެނަން ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ އެޑްރެސް ކުރަން ޖެހޭ ގިނަ މައްސަލަތަކެއް ރިޕޯޓްގެ ސަބަބުން ފެންމަތިވާނެ ކަމީ ޝައްކެއް ނެތް ކަމެއް ކަމަށާއި ބިނާކުރަނިވި އަދި ސުލްހަވެރި ގޮތަކަށް ކުރިއަށް ދިއުމަށްޓަކައި އިހުލާސްތެރިކަމާއެކު ވާހަކަ ދެއްކުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވާ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންނާ ގަވައިދުން ގުޅުއްވަމުން ގެންދަވާ ކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަން މެކެނަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނަކީ ގިނަ ބަޔަކު ގަބޫލުކުރާ ކޮމިޝަނަކަށް ހެދުމަށް އެކޮމިޝަން އިސްލާހުކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.