27 Aug 2012, 16:13
އިންޑިއާގެ ތިރިވަނަމްތަޕޫރަމްގެ ރާއްޖޭގެ ކޮންސިއުލޭޓްގެ ކައުންސެލް ކަމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ވިލިމާލޭ ޕެލަސް، މުހައްމަދު އިބްރާހިމް ކަމަށާއި އޭނާ އެމަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އޭނާ އެމަގާމަށް ހަމަޖައްސަވާފައި ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގަ އެވެ.
މަޝްހޫރު ބޮޑުބެ އިބްރާހިމްފުޅުގެ މުހައްމަދު އިބްރާހިމަކީ ރައީސްގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިވަޒަރު އަހުމަދު ތައުފީގުގެ ޅިޔަނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިމަނިކުގެ ބަފައިބެ އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މުހައްމަދު އިބްރާހިމްގެ ކުށުގެ ރިކޯޑެއް ކުރިން އޮތްކަން އެނގޭ ކަމަށާއި އޭނާ އަށް ވަޒީފާ ހަމަޖައްސާފައި ވަނީ ކޮން ގޮތަކަށްކަން އެނގޭނީ އެކަން ބެލުމަށް ފަހު ކަމަށެވެ.