ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަރު މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅައި ފިއެވެ.

ޖުވެނައިލް ކޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ސާބިތު ކުރުމަށްޓަކައި ހުށަހަޅާ ހެކި ލިޔުމުން ދައުލަތުން ހުށަހަޅާފައިވާކަމަށެވެ.

"އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ސާބިތު ކުރުމަށްޓަކައި ހުށަހަޅާ ހެކި ދައުލަތުން ވަނީ ލިޔުމުން ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށާއި އެދުވަހު އޮންނާނީ ދައުވާ ލިބޭ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުން ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިއަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދާއި ބައިވެރިވެގެން ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ތިން މީހުން އެގެއަށް ވަނުމަށްފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އެކުއްޖާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިލޭޝަން ޓޭޕުން ދެ އަތް ބަދެފައިވާ ކަމަށެވެ.

ދައުވާގައި ބުނަނީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފައިސަލާއި ނައުޝާދުގެ ޝަރީއަތް ވަނީ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފަށާފައެވެ. އެ ދެ މީހުން ވެސް ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފައެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.