ހޮލީވުޑުގެ ތަރި ސިލްވެސްޓަރ ސްޓެލޯނަށް ވުރެ ގިނައިން ފިލްމުތަކުގައި މީހުން "މެރީ" އޭނާ ކަމަށް މަޝްހޫރު ތަރި އަދި އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓުގެ ގަވަރުނަރު އާނޯލްޑް ޝްވާޒެނެގަރ ބުނެފިއެވެ. އުމުރުން 65 އަހަރުގެ އާނޯލްޑް މިހެން ބުނެފައިވަނީ ފިލްމީ ހަޔާތާ މެދު ވާހަކަ ދައްކަމުން ކުރި ސަމާސާއެއްގައެވެ.

ސްޓެލޯންގެ ފިލްމީ ހަޔާތާ މެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަމާސާއަކަށް އާނޯލްޑް ބުނީ "ސްޓެލޯނަށް ވުރެ ކުރީގައި އުޅެނީ އަހަރެން. އޭނާއަށް (ފިލްމުތަކުގައި) މަރައިލެވުނީ 288 މީހުން. އަހަރެން (ފިލްމުތަކުގައި) 289 މީހުން މަރައިލިން" ކަމަށެވެ.

"އަހަރެމެން މިދަނީ ފާއިތުވި ތިން ދަހައިގައި (ޑިކޭޑުގައި) އެކަކު އަނެކަކާ ވަރަށް ބޮޑަށް ވާދަ ކުރަމުން. ސްޓެލޯންގެ އުމުރުން އަހަންނަށް ވުރެ އެއް އަހަރު ދޮށިވާނެ. އަހަރެމެން ބައްދަލުވާއިރު އަހަން، ކާކަށްތޯ ގިނައިން މީހުން މަރައިލެވުނީ. ކާކަށްތޯ ބޮޑަށް އަނިޔާވެރިކޮށް މީހުން މަރައިލެވުނީ. އަދި ކާކުގެ ގައިގައިތޯ ގިނައިން ތެޔޮ އުނގުޅިފައި ހުރީ." އާނޯލްޑް ބުންޏެވެ.

އޮސްޓްރިޔާއަށް އުފަން އާނޯލްޑް ސިޔާސީ ދާއިރާއަށް ވަނުމަށް ފަހު ވެސް ފިލްމީ ދާއިރާއާ ގުޅޭ ތަފާތު ހަފްލާތަކަށް ގޮސް އުޅެއެވެ.