27 Aug 2012, 15:46
ފިލްމު އުފެއްދުމުގައި މަޝްހޫރު ފަރާތެއް ކަމަށް ވާ ޝިރިޝް ކުންދަރާއި ޝާހުރުޚް ޚާނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންދާތާ ދުވަސްތަކެއްވުމަށް ފަހު، ޝާހުރުޚް ޚާންގެ ކިބައިން ޝިރިޝް ކުންދަރު މާފަށް އެދިއްޖެއެވެ. ޝިރިޝް ކުންދަރު މާފަށް އެދިފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
ކުރިން އެޑިޓަރެއް އަދި މިހާރު ޑިރެކްޓަރެއް ކަމުގައިވާ ޝިރިޝް ކުންދަރަކީ، ޝާހްރުޚް ޚާންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމުގައިވާ، ކޮރިއޮގްރާފަރު އަދި ޑިރެކްޓަރ ފަރަޙް ޚާންއެވެ. ޝާހު އާއި ޝިރިޝްއާ ދެމެދު މައްސަލަ ޖެހުނީ، ބޮޑު ބަޖެޓަކުން ޝާހު ހެދި ފިލްމު "ރާވަން"އަށް ފާޑުކިޔައިފައި ޝިރިޝް ކުރި ޓްވީޓްތަކަކާ ގުޅިގެންނެވެ.
ޝިރިޝް އެފަހަރު ޓްވީޓްކޮށްފައިވަނީ "150 ކުރޯޑުގެ ބަޑިބޭހުގެ ކުޅިވަރު ތާކުންތާކު ނުޖެހުނު ކަމަށް" އޭނާ އަޑު އަހައިފައިވާ ކަމުގައެވެ. ޝާހުގެ ކިބައިން މާފަށް އެދެމުން ޝިރިޝް ޓްވީޓްކޮށްފައިވަނީ، އެ ގޮތަށް އޭނާގެ އަމަލުތައް ބެހެއްޓުނީތީ ދެރަވާ ކަމަށާއި، ޝާހުގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ. ރާވަންއާ މެދު އަހަރެން ކުރި ކޮމެންޓުތަކާ މެދު މާފަށް އެދެން. އެއީ އަހަރެން ކޮށްގެން ވާނެ ކަމެއް ނޫން." ޝިރިޝް ޓްވީޓްކޮށްފައިވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޝިރިޝްގެ އެންމެ ފަހުގެ ފިލްމު "ޖޯކަރ" ޕްރޮމޯޓުކޮށްދިނުމުގައި ޝާހު ދަނީ އެހީތެރިވަމުންނެވެ. އެހެން ނަމަވެސް ޝިރިޝްގެ އަންހެނުން ފަރަޙް ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ފިލްމީ ދާއިރާގެ ޚަބަރުތައް ފަތުރާ ފަރާތްތަކުން މި ގޮތަށް ވާހަކަ ދައްކާން ފަށައިފައިވަނީ "ޖޯކަރ" ގައި އުޅޭ އޭލިޔަންއާ އެކު ޝާހު ނަގައިފައިވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ.