ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޕެރެ އެތުލީޓުން ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތްލީޓުން ބައިވެރިވިއިރު، ތިން އެތުލީޓުން ބައިވެރިވީ ފެތުމުގައެވެ. ދެން ބައިވެރިވީ އެތުލެޓިކްސްގައެވެ.

މިމަހުގެ 7 އިން 12 އަށް ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި އަށް ކުޅިވަރެއްގައި 35 ޤައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރިއެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުހައްމަދު ރިޒްހާންވަނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. މިއީ ޕެރަ ބައިނަލް އަޤްވަމީ މިބާރާތެއްގައި ފެތުމުން ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ރާއްޖޭގެ ޕެރަ އެތްލީޓުން އިއްޔެ ހަވީރު އައުމުން އެ ޓީމަށް މަރުހަބާ ދެންނެވުމުގައި އެންމެ އިސްކޮށް ހުންނެވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް އަޙްމަދު މުންތަގިމެވެ.

ވަޒީރު ވަނީ ރާއްޖެއަށް ހޯދައިން ފަޚުރުވެރި ކާމިޔާބަށް އެ ޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަނަތައް ހޯދައިދޭން މަސްކަތް ކުރުމަށް ހިތްވަރު ދެއްވާފައެވެ.