27 Aug 2012, 15:36
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ވަޒީފާ އިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ހަމީދުގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ ހަމީދު ވާޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ އިއްޔެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"ހަމީދު ވަޒީފާ އިން ވަކިކުރި މައްސަލަ އިއްޔެ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައި،" ވިޝާމް ވިދާޅުވި އެވެ.
ސިވިލް ކޯޓުން ވެސް ވަނީ އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމަށް ބުނެ އެވެ.
ހަމީދަކީ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދެ ވަޒީރަކު ޝާއިއު ކުރި ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ސުވާލު ކޮށްފައިވާ މީހެކެވެ.