27 Aug 2012, 15:25
ހަތެއް ފެބުރުއަރީގެ ހާދިސާ ދެވަނަ ފަހަރަށް ތަކުރާރު ކުރަން ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އިބުރާހިމް ލުތުފީ (ސަންދާނު ލުތުފީ) ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދު އާޓް ގެލެރީގައި ބޭއްވި "ވެރިކަން ބަދަލުވި ގޮތް ކުރެހުންތެރިއެއްގެ ފިހިން" ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަން ދާނު ލުތުފީ ވިދާޅުވީ ފެބްރުއަރީ ހަތްވަނަ ދުވަހު ހިނގި ވެރިކަން ބަދަލުވި ހާދިސާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނާ ފިކުރުކުރަން ޖެހޭ ހާދިސާ އެއްކަމަށާއި އެ ހާދިސާގެ އަސްލު ހަގީގަތް ފެނިގެންދާނީ އިލްމީ ނަޒަރަކުން ބަލައިގެން ކަމަށެވެ.
"ރާއްޖޭގެ ޒުވާނުންނަށް ހާއްސަކޮށް ސޯސަލް މީޑިޔާތަކުގައި އުޅޭ ޒުވާނުންނަށް ގޮވާލަނީ ދުނިޔެއަށް އަންނަ ބަދަލުތަކާއި މިބަދަލުތައް އަންނަޖެހޭ ގޮތާއި ގެނެވިގެން ދާގޮތްތައް އިލްމީ ނަޒަރަކުން ދިރާސާކުރުމަށް ފަހު އަމިއްލަ ސިކުނޑިން ވިސްނަވާ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ދެން އަމިއްލައަށް ގޮތެއް ނިންމުމަށް،" ރައީސް ނަޝީދުގެ ވެރިކަމަށް ފާދުވިދާޅުވާ ސަންދާނު ލުތުފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަތެއް ފެބުރުއަރީގެ ހާދިސާ ރާއްޖެއަށް އައީ އެއްގޮތަކަށް ވެސް ޑިމޮކްރަސީގައި އެއްވެސް މައްސަލައެއް އޮވެގެން ނޫންކަމަށާއި ހަތެއް ފެބުރުއަރީގެ ހާދިސާ އައީ ރާއްޖޭގެ އިސްލާމް ދީނާއި އިގުތިސާދަށް ލިބިގެން ދިޔަ ކާމިޔާބު ބަދަލެއް ކަމަށެވެ.
ދެވަނަ ފަހަރަށް ހަތެއް ފެބުރުއަރީ ހާދިސާ ތަކުރާރުވުމަށް ބަޔަކު މަސައްކަތްކުރަކަމަށް އޭނާ ވިދާޅުވި ނަމަވެސް އެއީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެކަމާ ގުޅެ ގޮތުން ވިދާޅުވީ ފެބްރުއަރީ ހަތެއްގެ ހާދިސާތައް ރާއްޖޭގައި ތަކުރާރުވުމުގެ ފުރުސަތު ނުހަނު ފުޅާ ދާއިރާއެއްގައި ފެންނަށް އޮތްކަމަށާއި އެކަން ކުރާނީ އަޅުގަނޑުމެން ތެރެއިން ބަޔަކުކަމަށާއި އެކަމަށް ތަމްރީނުވާ މީސްމީހުން ރާއްޖޭގަ އާއި ރާއްޖޭން ބޭރުގައި އެބަތިބި ކަމަށެވެ.
"އެމީހުން ހަރަކާތްތެރިވަމުންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި. މިއަދު އަޅުގަނޑުމެން މިތާ މަޑުމަޑުން ތިބި ނަމަވެސް ހަގީގަތުގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ވަރަށް ފުޅާ ދާއިރާއެއްގައި ބައިބައިވުންތަކެއް އުފެދި ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތުތަކެއް ފަހިކުރަމުން އެބަ ގެންދޭ،" ލުތުފީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދުވަސްވަރަކީ އެއްވެސް ވަރަކަށް ހަތިޔާރުން ވެރިކަން ބަދަލުކުރާ ޒަމާންނޫންކަމަށާއި ހުރިހާ ކަމެއްގައިވެސް މިހާރު ބޭނުންކުރަނީ ފިކުރީ ގޮތުންމީހުންގެ ވިސްނުމާއި ކުޅެގެން ކަމަށާއި ރާއްޖޭގެ ޒުވާނުން އެކަމާ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ލުތުފީ އަކީ މައުމޫން ސަރުކާރަށް ފާޑުކިއުމަށް އީމެއިލް މެދުވެރިކޮށް ބެހި "ސަންދާން" ނޫހުގެ ސަބަބުން 2002 ވަނަ އަހަރު އުމުރަށް ޖަލަށް ލުމަށާއި އެއް އަހަރު ދުވަހަށް އަރުވާލުމަށް ހުކުމް އިއްވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް ބޭސްފަރުވާ އަކަށް ލަންކާ އަށް ވަޑައިގެން، ދިވެހި ސަރުކާރަށް ފިއްލެވުމަށް ފަހު އދ. ގެ ރިފިއުޖީންގެ ހައިސިއްޔަތު ލިބިވަޑައިގަތެވެ. އަދި ސްވިޒަލެންޑްގެ ސަރުކާރުގެ ބެލުމުގެ ދަށަށް އޮކްޓޫބަރު 13، 2003 ގައި ވަޑައިގަތުމަށް ފަހު އޭނާ އާއި އާއިލާ ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ. އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަނީ އޭނާ އަށް އެޕްރީލް 11، 2010 ގައި މާފު ދެއްވައިފަ އެވެ.