27 Aug 2012, 15:14
ވަކި ޝަރުތުތަކަކާ އެކު އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ސޫރަ ކުރެހުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް ބުނެ އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު ބަޔާނެއް ނެރެފި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންސާނާގެ މޫނު ރަނގަޅަށް ނޭނގޭ ގޮތަށް ހުންނަ ކުރެހުންތައް، ލޯ ނުހުންނަ ގޮތަށް މޫނު ކުރަހާފައި ހުންނަ ކުރެހުންތައް ހުއްދަ ކަމަށެވެ. އަދި ކިޔަވާ ކުދިންގެ ތެރެއިން ސައިންސް ސްޓްރީމް ހަދާ ކުދިންނަށް ބައެއް ކަހަލަ ސޫރަ ކުރަހަން ޖެހޭ ކަމަށާއި ކިޔައިދެއްވާ ޓީޗަރުންނަށް ވެސް ސޫރަ ކުރަހަން ޖެހޭ ކަމަށެވެ.
ސޫރަ ކުރެހުމަކީ ހަރާމް ކަމެއް ކަމުގައި ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށާއި އަނެއްބައި އިލްމުވެރިން ވަކި ހުދޫދެއްގެ ތެރޭގައި އެކަން ހުއްދަ ކުރައްވާ ކަމަށާއި އަނެއް ބައި އިލްމުވެރިން ސޫރަ ކުރެހުން ކަމަށް މާނަކުރައްވަނީ ބުދު ހެދުން ކަމަށާއި އެހެންވެ އެކަމުގައި ރަނގަޅު ގޮތަކީ ކޮބައިކަން އޮޅުން ފިލުވަން ރައްޔިތުންނަށް ދަތިވާ ހިސާބަށް ކަންތައްތައް ގޮަސްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަދާލަތުގެ ބަޔާނުގައި އަދި ވަނީ ފުރާނަ އެޅުއްވި ތަކެތީގެ ސޫރަ ކުރެހުމުގެ މައްސަލައަކީ އިލްމުވެރިންގެ މެދުގައި އިހުތިލާފު އުފެދިފައިވާ ކަމެއް ކަމަށެވެ.
"އަލް މައުސޫޢަތުލް ފިގްހިއްޔާ ގައި އައިސްފައިވެ އެވެ. އަށްވަނައީ: ތުއްތު ކުދިންނަށް އުނގަންނައި ދިނުން ފަދަ އެކަމެއްގައި މަޞްލަޙަތެއް އެކުލެވިފައިވާ ކަންކަމުގައި ޞޫރަ ކުރެހުމަކީ ޢިލްމުވެރިން މަނާ ކުރައްވާ ކަންތައްތަކެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ތުއްތު ކުދިން ކުޅުމަށް ތައްޔާރު ކޮށްފައި ހުންނަ ބުދުތަކަކީ ޢިލްމުވެރިން އިސްތިސްނާ ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އަންހެން ކުދިން ދަރިން ތަރްބިއްޔަތު ކުރުވުމަށް ޢާދަ ކުރުވުމުގެ ބޭނުމުގަ އެވެ."
ސޫރަކުރެހުމުގެ މައްސަލައިގާ އެކަން އެއީ ހަރާމް ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކާއި އެކަން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިން ގެންނަވާފައިވާ ދަލީލުތައް ހިމަނައިގެން އަދާލަތުން ނެރުނު ބަޔާނުގައި ވެއެވެ. ސޫރަކުރެހުމުގެ މައްސަލައިގާ އަދާލަތުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެޕާޓީން އިންތިޒާމްކުރި އާޓް އެގްޒިބިޝަނެއް މިއަދު ނެޝަނަލް އާޓް ގެލެރީގައި ހުޅުވާފައި ވަނި ކޮށެވެ.