އީ- ގަވާމަންޓް ލެޓާގެ ހިދުމަތް ތައާރަފުކޮށް، އެ ހިދުމަތް ބޭނުންކުރަން ފެށިފަހުން ސަރުކާރުގެ އޮފީސްތަކުން ޕްރިންޓްކޮށްގެން އެއްތަނުން އަނެއް ތަނަށް އުފުލުމަށް ދުވާލެއްގެ މައްޗަށް ކުރަން ޖެހޭ 800 ދަތުރު ސަލާމަތްކުރެވިފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީން މިއަދު ބުނެފި އެވެ.


 އިންފޮމޭޝަން ޓެކްނޮލޮޖީން ބުނީ އި- ގަވަމަންޓްގެ ހިދުމަތް މެދުވެރިކޮށް މިހާރު ދުވާލަކު އެވްރެޖްކޮށް 4،000 ގަޑުގެ ލިޔުން ފޮނުވޭ ކަމަށެވެ.


އެ އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ކަރުދާސް ބޭނުންކުރާ މިންވަރު އަޅާބަލާއިރު ތިންބައިކުޅަ އެއްބަޔަށް ހަރަދު ވެސް ކުޑަވެފައިވާ ކަމަށެވެ.


ސަރުކާރުގެ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މެދުގައި ބަދަލުކުރުމުގައި "އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް"ގެ ހިދުމަތް ތައާރަފްކޮށް، ޕްރިންޓްކޮށްގެން އެއްތަނުން އަނެއް ތަނަށް ލިޔެކިޔުން ގެންދިއުމާއި ފެކްސް މެދުވެރިކޮށް ލިޔެކިޔުން ބަދަލު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ.


މާލޭގައި ހުރި ހުރިހާ ސަރުކާރުގެ އިދާރާތަކާއި އަދި ދެކުނު ޕްރޮވިންސް އޮފީހާއިލައިގެން ޖުމްލަ 94 އިދާރާގައި މި ސިސްޓަމް ބޭނުންކުރަން ފަށާފައިވާ ކަމަށާއި އިތުރު އިދާރާތަކުގައި މިސިސްޓަމް ބޭނުންކުރަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެނޫސްބަޔާނުގައިވެ އެވެ. އަދި މިހާތަނަށް ޖުމްލަކޮށް ސަރުކާރުގެ 1،374 މުވައްޒަފުންނަށް މިސިސްޓަމް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދީފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެ އެވެ.